މި އަހަރުގެ ހައްޖަށްދާ ފުރަތަމަ ގްރޫޕުގެ މީހުން މިރޭ 11:15 ގައި ފުރުމަށް ހަަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ މިރޭ ޖުމްލަ 157 ހައްޖާޖީން ސައުދީ އެއާލައިނުން ފުރުމަށް ހަމަޖެހިފައި ވާއިރު ޖިއްދާއަށް ދެވޭނީ ރާއްޖެގަޑިން ފަތިހު 04:35 ހާއިރު ކަމަށެވެ.
މި އަހަރު ހައްޖަށް ދިއުމަށް ތިން ރެޔަކަށް ބަހާލައިގެން ހައްޖުވެރިން ފުރުމަށް ހަމަޖެހިފައި ވާއިރު މިރޭގެ އިތުރުން މި މަހުގެ 29 އަދި އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ރޭ ހިމެނެއެވެ. އަދި އެ ރޭ ތަކުގައި 7:00 އިން 8:00 އަށް މަޖީދީމަގާއި އަމީނީ މަގު އަދި އޯކިޑްމަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހައްޖުވެރިން ގެންދިއުމަށް މާލޭގައި 21 ބަސް ސްޓޮޕެއް، ހުޅުމާލެ ފޭސް 1 ގައި 4 ބަސް ސްޓޮޕް އަދި ހުޅުމާލެ ފޭސް 2 ގައި 1 ބަސް ސްޓޮޕް ހުންނާނެ ކަމަށް މިނިސްޓްރީ އިން ފާހަގަކުރާއިރު ހައްޖުވެރިންނަށް އެހީތެރިވުމައްޓަކައި ބަސް އޮންނަ ޕޮއިންޓްތަކުގައި އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނާއި ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހަރަކާތްތެރި ވާނެއެވެ.
ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިންނަށް ޖިއްދާގެ އެއާޕޯޓުން މަރުހަބާ ކިޔުމަށް ތައްޔާރުވެފައިވާއިރު އެހެނިހެން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ހައްޖު މިޝަންއާއި ސައޫދީގެ ކޮންސުލޭޓުންނެވެ.
ރާއްޖެއަށް މިއަހަރު ލިބުނު 453 ޖާގަ އެއްކޮށް އިސްލާމިކް މިނިސްޓްރީން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ހާއްސަކުރީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މި ވަގުތު ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާ ވަނީ އާންމުކޮށް ހުޅުވާލާފައެވެ.