ހުމާއި ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެ، އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ހަދައި އެފަދަ ބަލި މީހުން ފްލޫ ކްލިނިކަށް ދިއުމަށް އެ ހޮސްޕިޓަލުން އެދިއްޖެއެވެ.

އެ ހޮސްޕިޓަލުން ބުނީ، ހުމާއި ރޯގާ ޖެހިގެން ފަރުވާ ހޯދުމަށް ދާ ބަލި މީހުންގެ އަދަދު އިތުރުވެ، އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކްގައި އެފަދަ ބަލި މީހުންނަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އެ ތަނުން ހިދުމަތް ދޭނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މި ދުވަސްވަރު އާންމު ރޯގާތައް ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މި މަހު މިހާތަނަށް މުޅި ރާއްޖެއަށް ބަލާއިރު، ޖުމްލަ 14610 މީހަކަށް ވަނީ ރޯގާ ޖެހިގެން ފަރުވާ ހޯދާފައެވެ. އެއީ މި ހަފްތާ ތެރޭ، 5712 މީހުން، މިދިޔަ ހަފްތާ ތެރޭ 4743 މީހުން އަދި އޭގެ ކުރީ ހަފްތާ ތެރޭ 4155 މީހުންނެވެ.

އަދި މިދިޔަ މޭ މަހު 13،361 މީހަކު އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައި ވެއެވެ.

އާންމު ބަލިތައް މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެ ހޮސްޕިޓަލުތަކަށް ޑޮކްޓރަށް ދައްކަން ދާ މީހުން ވަނީ އިތުރުވެފައެވެ. ކޮވިޑް ބަލި ފެތުރެމުންދާ މި ދުވަސްވަރު ރެންޑަމް ސާމްޕަލް ނެގުން ހުއްޓާލައި ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކައިގެން ކޮވިޑް ޓެސްޓު ހެދޭ ގޮތް ހަމަޖައްސާފައި ވާތީ ވެސް ޑޮކްޓަރަށް ދައްކަން ދާ މީހުން ވަނީ އިތުރުވެފައެވެ.