ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި ވާ ހޮންގްކޮންގްގެ "ޖަމްބޯ" ފްލޯޓިންގް ހޮޓާ ފެތުނީ ނޫން ކަމަށާ، ބަންޑުން ޖަހާލީ ކަމަށް އެ ރެސްޓޯރަންޓްގެ އޯނަރު ވަކާލާތު ކޮށްފައި ވާ ކަމަށް ޗައިނާ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
ދަތުރެއްގެ މަތީގައި އުޅެނިކޮށް މޫސުން ގޯސްވެ، ޖަމްބޯ ފްލޯޓިންގް ހޮޓާ، ކަނޑުގެ 1000 މީޓަރު އަޑިއަށް ފެތިފައި ވާ ކަމަށް މީޑިއާގައި ހަބަރު ފެތުރުނު ނަމަވެސް، ރެސްޓޯރަންޓްގެ ބެލެނިވެރި އެބާޑީން ރެސްޓޯރަންޓް އެންޓަޕްރައިޒަސްއިން ދަނީ އެ ހޯޓާ ފެތިފައި ވާ ކަމަށް އިންކާރު ކުރަމުންނެވެ.
ކަން މިހެން އޮތް އިރު، އެ ފްލޯޓިންގް ހޮޓާ މިވަގުތީ ހުރީ ފެނު މަތީގައި ކަމެއް ނުވަތަ އޮތީ ލޮނުގަނޑުގެ އަޑީގައި ކަމެއް ބުނެދިނުމަށް، އެބާޑީން ރެސްޓޯރަންޓް އެންޓަޕްރައިޒަސްގެ ތަރުޖަމާނު ފެއިލްވެފައި ވާ ކަމަށްވެސް ޗައިނާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.
އެބާޑީން ރެސްޓޯރަންޓް އެންޓަޕްރައިޒަސްއިން އެންމެ ފުރަތަމަ ހާމަ ކުރި މައުލޫމާތަށް ބަލާއިރު ހާދިސާ ހިނގީ، ކެމްބޯޑިއާއަށް ހޮޓާ ޓޯ ކުރުމުގެ މަސައްކަތުގެ ތެރޭގައެވެ. ނަމަވެސް ގާނޫނާއި ގަވައިދާ އެއްގޮތަށް، 24 ގަޑިއިރުގެ ތެރޭގައި ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށް ކުންފުނިން ފެއިލްވި ކަމަށް މައުލޫމާތު ލިބެއެވެ. ކުންފުނީގެ ރާގު ބަދަލުވީ އެހެންވެ ކަމަށް ބެލެވެއެވެ.
ޗައިނާގެ އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގަމުން އަންނަ ހޮންގްކޮންގްގައި ހުންނަ މާ ސިންގާ ފްލޯޓިންގް ހޮޓަލެއް ކަމަށްވާ "ޖަމްބޯ ފްލޯޓިންގް ރެސްޓޯރަންޓް" ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ޣަރަގުވެފައި ވާ ކަމަށް ހަބަރު އާންމުވުމާއެކު ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.
ހަދިސާގައި ކުރޫއިންގެ އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެބާޑީން ރެސްޓޯރަންޓް އެންޓަޕްރައިޒަސްއިން ވަނީ ހާމަ ކޮށްފައެވެ.
"ޖަމްބޯ ފްލޯޓިންގް ރެސްޓޯރަންޓް" ފަރުމާކޮށްފައި ވަނީ ޗައިނާގެ ޝާހީ ގަނޑުވަރާ އެއްގޮތަށެވެ. އެ ހޮޓަލުގެ ކޭންތަކަށް އެކި ފަހަރު މަތިން އިންސާފު ކޮށްފައި ވާ ސެލެބްރިޓީންގެ ތެރޭގައި ޓޮމް ކުރޫޒްގެ އިތުރުން ރާނީ އެލިޒަބަތު 2 ވަނަ ހިމެނެއެވެ.
"ޖަމްބޯ ފްލޯޓިންގް ރެސްޓޯރަންޓް" އަކީ މާލީ ދަންތުރައެކެވެ. އެ ހޮޓަލުގެ މެއިންޓަނަންސްއަށް މިލިއަނުން ފައިސާ ހަރަދު ކުރަންޖެހެއެވެ. އަދި އެކި ވިޔަފާރިތަކާއި ޖަމިއްޔާތަކުން ވަނީ އެ ހޮޓާ ގަތުމަށްވެސް އިންކާރު ކޮށްފައެވެ.
މޫސުން ގޯސްވެ، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް ޣަރަގުވިއިރު "ޖަމްބޯ ފްލޯޓިންގް ރެސްޓޯރަންޓް"ގެ އޮޕަރޭޝަންތައް އޮތީ ހުއްޓާލާފައެވެ. އެއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ވިޔަފާރިއަށް ކުރިމަތިވި ހީނަރުކަމާއެކު، 2020 ވަނަ އަހަރު އޮޕަރޭޝަންތައް ހުއްޓާލި ގޮތަށް، ހޮޓާ ހިންގާނެ އިތުރު ބަޔަކު، ބެލެނިވެރި ކުންފުންޏަށް ނުލިބިގެންނެވެ.