ލަންޑަންގެ ނަރުދަމާ ނިޒާމުގެ ތަހުލީލުތަކެއް ކުރަމުން ދިއުމުގެ ތެރޭގައި ޕޯލިއޯ ވައިރަހުގެ އަސަރު ފެނި، ގައުމީ ފެންވަރުގެ އެލާޓެއް، އިނގިރޭސިލާތުގެ ސިއްހީ ސަލާމަތާ ބެހޭ އޭޖެންސީ (ޔޫކޭއެޗްއެސްއޭ) އިން އިއުލާން ކޮށްފިއެވެ.
ލަންޑަންގެ ނަރުދަމާ ނިޒާމުން ޕޯލިއޯ ވައިރަހުގެ އަސަރު ފެނިފައި ވަނީ މި އަހަރުގެ ފެބުރުއަރީ މަހާއި މެއި މަހާ ދެމެދު ނެގި ސާމްޕަލްތަކަކުންނެވެ. އަދި އެއީ "ވެކްސިން-ޑިރައިވްޑް" ޕޯލިއޯވައިރަސް ޓައިޕް-2 (ވީޑީޕީވީ2) ވައިރަސް ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. ވެކްސިން ޑިރައިވްޑް ޕޯލިއޯ ވައިރަހަކީ، އަނގައިގެ ޒަރިއްޔާއިން ހަށިގަނޑަށް ފޮނުވާލާ ޕޯލިއޯ ވެކްސިން ތައްޔާރު ކުރުމުގައި ބޭނުންކޮށްފައިވާ، ބާރު ދެރަކޮށްފައިވާ ޕޯލިއޯ ވައިރަހެއް، ގިނަ ދުވަސްތަކެއް ވެގެން، ގުދުރަތުން އުފެދޭ ވައިރަސް ފަދައިން ހަރަކާތްތެރިވާ ސްޓްރެއިންއެކެވެ.
ކަން މިހެން އޮތް ނަމަވެސް، އެއްވެސް އިންސާނެއްގެ ހަށިގަނޑުން ޕޯލިއޯ ބަލި ފެނިފައި ނުވާ ކަމަށާ، ވައިރަސް ފެނިފައި ވަނީ ހަމައެކަނި ވެށިން ނެގި ސާމްޕަލްތަކަކުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް، މިއީ ހުރިހާ ހިސާބެއްގައި އުޅޭ ކުޑަކުދިންނަށް އޮތް ނުރައްކަލެއް ކަމަށް ވަނީ އިންޒާރު ކޮށްފައެވެ.
އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ އޮފިޝަލުން ވަނީ، އާންމު މުޖުތަމައަށް އޮތް ނުރައްކާ ކުޑަ ކަމަށާ، ނަމަވެސް ޕޯލިއޯވައިރަސް ފެތުރިގެން ހިނގައިދާނެ ކަމަށް އިންޒާރު ކުރައްވާފައެވެ.
ސިއްހަތާ ބެހޭ އޮފިޝަލުން ވަނީ އެ ގައުމުގެ ސިއްހީ ނިޒާމް (އެންއެޗްއެސް) މެދުވެރިކޮށް، ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމަށް ގޮވާލައްވާފައެވެ. އަދި ޝައްކު ކުރެވޭ ކޭހެއް ފެނިއްޖެނަމަ ޔޫކޭއެޗްއެސްއޭއަށް ރިޕޯޓް ކުރުމަށްވެސް ވަނީ އަންގަވާފައެވެ.
ޕޯލިއޯއަކީ ޕޯލިއޯ ވައިރަހުގެ ޒަރިއްޔާއިން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. ޕޯލިއޯގެ ސަބަބުން ޖިސްމާނީ ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހޭ ފަހަރުވެސް އާދެއެވެ. އަދި ޕޯލިއޯ ވައިރަހަކީ އެކެއްގެ ހަށިގަނޑުން އަނެކެއްގެ ހަށިގަނޑަށްވެސް ފޯރާ ވައިރަހެކެވެ. ސްޕައިނަލް ކޯޑަށް ވައިރަހުގެ އަސަރު ކޮށްފިނަމަ، ވާގިނެތޭ ގޮތްވެސްވެއެވެ. ޕޯލިއޯއަކީ އެ ބަލިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކޮށްފައި ވާ ބައްޔެކެވެ.