އިންޑިއާ ހައިކޮމިޝަނާއި ޔޫތް މިނިސްޓްރީން ޔޯގާ ދުވަސް ފާހަގަ ކުރަން ގަލޮޅު ދަނޑުގައި ތިއްބާ، ދިވެހި ޒުވާނުންގެ ބަޔަކު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގައިފިއެވެ.

ރާއްޖެ ޓީވީން ލައިވް ކުރަމުން ދިޔަ އެ އިވެންޓަށް ބަޔަކު ވަނީ، ޔޫތް މިނިސްޓްރު އަހުމަދު މަހުލޫފް ވާހަކަ ދައްކަވްން ހުންނަވަނިކޮށެވެ. އޭރު އިންޑިއާގެ ހައިކޮމިޝަނަރު މުނޫ މަހާވަރުވެސް ހުންނެވިއެވެ.

ގަލޮޅު ދަނޑުގައި ހެނދުނު 6:30 ގައި ޔޯގާ ހަރަކާތް ފެށެން އުޅެނިކޮށް ހިނގި އެ ހާދިސާގައި ދަނޑަށް ވަން ދިވެހި ޒުވާނުން "ﷲ އަކްބަރު" ގޮވައި، ޔޯގާ ހަދަން ތިބި މީހުން އެ ތަނުން ނުކުތުމަށް ހަރުކަށި އިންޒާރު ދީފައި ވެއެވެ. އެއާއެކު އެތާ ހުރި ބައެއް ދިދަ ދަނޑިތައް އުފުރާހަދާފައިވެސް ވެއެވެ. އަދި ބައެއް މީހުންނަށް އަނިޔާވި ކަމަށް "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ދަނޑަށް ވަދެގަތް މީހުން މައިތިރިކުރަން ގިނަ އަދަދެއްގެ ފުލުހުން ދަނޑަށް ވަނެވެ. އަދި ޕެޕާ ސްޕްރޭ ޖަހާ އެމީހުން ދަނޑުން ނެރެގެން މަޖީދީ މަގުން ފަހާ ވަނީ ދުރަށް ފޮނުވާލާފައެވެ.

މިއަދު ހިނގި ހަމަނުޖެހުމާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ، ޔޯގާ ދުވަހަކީ އަލަށް ފާހަގަ ކުރާ ދުވަހެއް ނޫން ކަމަށާއި، މީގެ ކުރީގެ ވެރިކަންތަކުގައިވެސް އެތައް ސަތޭކަ ބަޔަކު ބައިވެރިވެގެން ޔޯގާ ދުވަސް ފާހަގަ ކުރި ކަމަށެވެ. މަހުލޫފް ވިދާޅުވީ، މިއަދުގެ ހާދިސާއަކީ ބިރުވެރި ހާދިސާއެއް ކަމަށާއި، ބަޔަކު ވަދެ ހަމަލާ ދިން އިރު ގަލޮޅު ދަނޑުގައި އިންޑިއާ ހައިކޮމިޝަނަރުވެސް ހުންނެވި ކަމަށެވެ.

ޔޯގާ ހަދަން ތިއްބާ ދަނޑަށް ބަޔަކު ވަންނަނީ

ޔޯގާ ދުވަސް ފާހަގަ ކުރުމާ، ދިވެހިންގެ ތެރެއިން ބަޔަކު ދެކޮޅެވެ. ޔޯގާ އަކީ ޝިރުކުރެގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެ ހަރަކާތާ ދެކޮޅު ފަރަތާތްތަކުން ބުނެ އިންޒާރު ދެމުން ދިޔަ އިރު، ކުރިން ޔޯގާ ދުވަސް ފާހަގަ ކުރަން އޮތީ ރަސްފަންނުގައެވެ. ނަމަވެސް ސިޓީ ކައުންސިލުން ރަސްފަންނު ނުދިނުމުން ޔޫތު މިނިސްޓްރީން އެ ހަރަކާތް ދަނޑަށް ބަދަލު ކުރީއެވެ.

މިއަދުގެ ހަމަނުޖެހުމަށް ފަހު، މިހާރު އަލުން މެޓް އަތުރައިގެން ޔޯގާ ދުވަސް ދަނޑުގައި ފާހަގަ ކޮށްފިއެވެ.