ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ހ. ހިޔާކަން، ހުސައިން ޝަމީމްގެ މައްޗަށް ޖިނާއީ ތުހުމަތެއްގެ ތަހުގީގެއް ހިންގަމުން ނުދާ ފުލުހުން ދެންމެ ބުނެފިއެވެ.
ފުލުހުން މިހެން ބުނީ ޝަމީމް އާ ގުޅޭގޮތުން ބައެއް މީޑިއަމް ތަކުން ސާބިތު ނުހިފޭ ވާހަކަތަކެއް ފަތުރާ، ފުލުހުން މައްސަލަ ބަލަމުން ދާ ކަމަށް ބުނެފައި އޮތުމުންނެވެ. އެ މީޑިއަމް ތަކުން ޝަމީމްގެ މައްޗަށް ތުހުމަތު ކޮށްފައި އޮތީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެއެވެ.
ޝަމީމް ޕީޖީކަމުން ވަކިކުރުމުގެ ވާހަކަވެސް ބާރަށް ދެކެވޭ ވަގުތެއްގައި ފެންމަތި ކުރި އެ ވާހަކައާ ގުޅިގެން ޝަމީމް ވިދާޅުވެފައި ވަނީ ތުހުމަތު އެކުރާ ފަދަ އެއްވެސް ކަމެއް އޭނާ ކުރައްވާފައި ނުވާނެ ކަމަށެވެ.
ޝަމީމް ޕީޖީ ކަމުން ވަކިކުރަން، މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ނިންމާފައެވެ. މިމަހުގެ 13 ވީ ހޯމަ ދުވަހު އޮތް ބައްދަުވުމުގައި ޝަމީމް ގެ މައްސަލަ މަޖިލީހަށް ވައްދަން ފާސްވީ 21 މެންބަރުންގެ ތެރެއިން 17 މެންބަރުން ވޯޓުންނެވެ.
ޝަމީމް ވަކިކުރުމުގެ މައްސަލަ މިހާރު ވަނީ ކަފިވެފައެވެ. ޕީޖީ ގްރޫޕުގެ ނިންމުމާ ހިލާފަށް ރައީސް ނަޝީދު ތެދުވެވަޑައިގެން، ނެރޭ ވިޕާ ދެކޮޅު ހައްދަވާނެ ކަމަށް ވިދާޅުވުމާއެކު އިތުރު މެންބަރުން މިހާރު ވަނީ ނަޝީދާ ބައިވެރިވެ ވަޑައިގެންފައެވެ. އޭގެ ތެރޭގައި ޕީޖީ ގްރޫޕުގެ 17 މެންބަރަކު ހިމެނެއެވެ. އެއީ؛
- ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
- ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
- މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
- ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ
- ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު
- ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން
- ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް
- އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު
- މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
- މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު
- ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު
- މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ
- ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް)
- ގައްދޫ ދާއިރާގެެ މެންބަރު އަހުމަދު ޒާހިރުގެ
- މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން
އެނގިފައި ވާ ގޮތުން ޝަމީމް އާ ދެކޮޅަށް ފުލުހަށް މައްސަލަ އެއް ހުށަހެޅިއެވެ. އާއިލީ މައްސަލައެއްގެ ތެރެއިން ހުށަހެޅި އެ މައްސަލާގައި ޖިނާއީ އަމަލެއްގެ ތުހުމަތެއް ނެތް ކަމަށް ވަނީ އެނގިފައެވެ.