ކުންފުނިތަކާއި ސަފާރީތަކުގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފޭރުމުގެ އަމަލުތައް ހިންގުމުގެ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުގެ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން މިކަން ކުރަނީ ވިޔަފާރިއެއް ނުވަތަ ކޮންމެވެސް މަސައްކަތެއްކުރާ މީހަކަށް ގުޅައިގެން އެ މީހަކު ވިއްކާ ނުވަތަ އެ ތަނެއްގައި ވިއްކަން ހުންނަ އެއްޗެއް ގަތުމުގެ ނަމުގައި ކަމަށެވެ.
އެގޮތުން ފަތުރުވެރިންނާއެކު ދަތުރުކުރަމުންދާ ސަފާރީއަކަށް ނުވަތަ ސަޕްލައި ދޯންޏަކަށް ބޭނުންވާ އެކި ބާވަތުގެ ތަކެތި ގަތުމުގެ އެ އުޅަނދެއް ހިމެނޭ ކަމަށް ބުނާ ކުންފުނީގެ ނަމުގައި ގުޅައި އެކި ބާވަތުގެ އަގުބޮޑު ތަކެއްޗަށް އޯޑަރުކުރާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެތަކެތި އެ މީހުން ގަންނާނީ އާންމުކޮށް ވިއްކާ އަގަށްވުރެ ބޮޑު އަގުގައި ކަމަށާއި ވިއްކާ މީހާއަށް ބޮޑަށް ފައިދާ ލިބޭގޮތަށް ކަމުގައި ބުނެއެވެ. މީގެ އިތުރުން ވިއްކާ މީހާ އެ ތަކެތި ޑެލިވަރީ ކުރުމުގެ ކުރިން އެ މީހާ އިތުރު ބާވަތުގެ ތަކެއްޗަށް އޯޑަރުކުރާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން އެ އުޅަނދަކަށް އަގު ހެޔޮކޮށް ގަންނަ ބައެއް ބާވަތް ބާވަތުގެ ތަކެތި ގަންނަ ތަންތަނުން އެ ވިޔަފާރިވެރިޔަކަށް އަގު ހެޔޮކޮށް ހޯދައިދޭނެ ކަމަށް ވެސް އެ މީހުން ބުނެއެވެ. އަދި އެ ބައެއްގެ ނަންބަރު ކަމަށްބުނެ ނަންބަރު އެ ވިޔަފާރިވެރިއަކަށް ހިއްސާކުރާއިރު އެ ނަންބަރަކީ އެ ކުށްކުރުމުގައި ހިމެނޭ މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. މިފަދަ ފަރާތްތަކާ ވާހަކަދެއްކުމަށްފަހު ބޭނުންވާ ތަކެތި ގަންނަން އެކައުންޓަށް ޖަމާކުރާ ފައިސާއަކީ ކުށްކުރާ މީހުންނަށް ދެވޭ ފައިސާއެކެވެ.
ފުލުހުން ބުނީ އެގޮތަށް އޮޅުވާލައިގެން މަކަރާއި ހީލަތުން މުދާ ހޯދަމުންދާ މީހުން ގަންނަން ބޭނުންވެގެން ކަމަށްބުނެ އޯޑަރުކުރާ ތަކެތި މާލޭގެ ޓީޖެޓީއަށް އަދި ހުޅުމާލޭގެ ލަކުޑި ޖެޓީއަށް ޑެލިވަރީ ކޮށްދިނުމަށްވެސް އެދޭ ކަމަށެވެ.
ފުލުހުން ބުނީ އެ މީހުން ބޭނުން ކުރާ ވިޔަފާރި ކުންފުނިތަކަކީ ރަޖިސްޓްރީ ކޮށްފައިނުވާ ނަމެއްކަން މިފަދަ މައްސަލަތަކުގެ ތަހުގީގުން ހާމަވެފައިވާ ކަމަށާއި މިފަދަ މީހުން އާންމުކޮށް މުއާމަލާތުކުރަމުން ގެންދަނީ ބިދޭސީއެއްގެ ނަމުގައި އިނގިރޭސި ބަހުން ފޯނުން ގުޅައިގެންނާއި މީސްމީޑިއާ މެދުވެރިކޮށް ކަމަށެވެ.
މީގެ އިތުރުން ކުންފުނީގެ ނަމުގައި ކުރާ މުއާމަލާތުތަކުގައި ކުންފުނީގެ ސައްހަކަން ކަށަވަރުކޮށްދިނުމަށް ސައްހަނޫން ލިޔެކިޔުން ހަދައިގެންނާއި ތަކެތި ވިއްކާ ފަރާތުގެ އިތުބާރު ހޯދުމަށް އެ ލިޔެކިޔުންތައް ބޭނުންކުރާކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުން ވަނީ ވިޔަފާރީގެ މުއާމަލާތު ކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސްކުރެއެވެ. އަދި ވިއްކާ މުދަލުގެ ފައިސާ ނުލިބެނީސް އެއްވެސް މީހަކާ މުދާ ހަވާލުނުކުރުމަށާއި ފޯނު މެދުވެރިކޮށް ކުރެވޭ މުއާމަލާތަކަށްފަހު އެ ކުރެވޭ މުއާމަލާތުތަކުގެ ސައްހަކަން ކަށަވަރުނުކޮށް ފައިސާގެ މުއާމަލާތުތައް ނުހިންގުމަށް އެދިފައެވެ.