އެކި ދާއިރާތަކުން ދިރާސާތައް ހެދުމަށް ވިލާ ކޮލެޖާ އާއި އެމްޑަބްލިއުއެސްސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އެ އެމްޔޫގައި ސޮއިކުރީ މިއަދު އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސަސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރުއެވެ.
އެމްޑަބްލިއުއެސްސީއިން ބުނީ މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ދެ ފަރާތުން ބޭނުންވާ ދާއިރާތަކުން ދިރާސާ ކުރުމަށްޓަކައި އެއްބާރުލުން ދިނުމާއި މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ތަމްރީންތައް ދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފާ ކަމަށެވެ.
އެ ފަހުމުނާމާގެ ދަށުން އެމްޑަބްލިއުއެސްސީ އާއި ގުޅުން ހުރި ދާއިރާތައް ދިރާސާކުރުމަށް ޝައުގުވެރިވާ ދަރިވަރުންނަށް ވިލާ ކޮލެޖް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި ދިރާސާތައްކޮށް، ހޭލުންތެރިކޮށް އެކަމުގެ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެ ކަމަށްވެސް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.
މި ފަހުމުނާމާގެ ސަބަބުން ރާއްޖޭގެ ދިރާސާކުރުމުގެ ދާއިރާ އިތުރަށް ފުޅާވެ ތަރައްގީވުމާއެކު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެ، އިލްމީ ހޯދުންތައް ހޯދުމުގައި އާ ގޮތްތައް ތައާރަފް ވެގެންދިއުމަކީ އެމްޑަބްލިއުއެސްސީއިން ކުރާ އުންމީދެކެވެ.