ކުނި ވަކިކޮށްގެން އުކާލަން ފެށި ފަހުން ޕްލާސްޓިކް ފުޅި 27 ޕަސެންޓް އިތުރުވެއްޖެ ކަމަށް ވެމްކޯއިން ބުނެފިއެވެ.
މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ތިން ބާވަތެއްގެ ކުނި ވަކިން ބަންދުކޮށްފައި ނުބަހައްޓާ ނަމަ ކުންޏާ ހަވާލު ނުވާނެ ކަމަށް ވެމްކޯއިން ބުނެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ކުނިވާ ޒާތުގެ އަދި އަމިއްލައަށް ފަނާވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތްތަކުގެ ކުންޏެވެ.
ވެމްކޯއިން ބުނީ ކުނި ވަކިކުރަން މިގެނެވުނު ބަދަލާއިއެކު އުކާލުމަށް ނެރޭ ޕްލާސްޓިކް ފުޅީގެ ބާވަތްތައް ވަނީ 27 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި މީގެކުރިން އެ ފަދަ ކުނި ހުންނަނީ އެހެނިހެން ކުނިތަކާއި އެއްކުރެވި، ތަގައްޔަރުވެފައި ކަމަށެވެ. އަދި އެފަދަ ކުނި ކުރިން ރީސައިކަލްކުރުމަށް ހުރި ބޮޑު ގޮންޖެހުމެއް ކަމަށް ވެމްކޯއިން ފާހަގަކުރެއެވެ.
ކުނި ވަކިކުރުމުގެ ކުރިން މާލެއިން ކޮންމެ ދުވަހަކު 1300 އަށް ވުރެ ގިނަ ޑަސްބިނުގެ ކުނި ވެމްކޯއިން ނަގަމުން އައިއިރު ފާއިތުވި 7 ދުވަސް ތެރޭގައި ވެމްކޯއިން ވަނީ ފަނާވާ ޒާތުގެ 49 ޕަސެންޓް ކުންޏާއި 51 ޕަސެންޓް އެހެނިހެން ކުނި އުކާލާފައެވެ. ގޭބީސީތަކުން ކުނި ވަކިކުރަމުންދާ ނިސްބަތަށް ބަލާއިރު ވެމްކޯއިން ބުނީ 15 ޕަސެންޓް ގޭބީސީއިން އެކަން ރަނގަޅަށް ކުރަމުން އަންނަ ކަމަށެވެ.
ކުނި ވަކިކޮށްގެން އުކާލުމަށް ފެއްޓުމާއިއެކު ބައެއް ގޭބިސީތަކުން ކުނި ނެރުމުގެ އާދަޔަށް ހެޔޮ ބަދަލު އަންނަމުންދާ ކަމަށާއި ބައެއް ގޭބިސީތަކުން ކުނި ކޮަތަޅު ފުރާލުމަށްފަހު ނޫނީ އުކާލުމަށް ނުނެރޭކަން ފާހަގަކުރަމުން ވެމްކޯއިން ބުނީ އެކަން އުފަލާއެކު ބަލައިގަންނަ ކަމަށެވެ.
މި ހިނގާ ޖޫން 1 އިން ފެށިގެން ކުނިވަކިކޮށްގެން 3 ކޮތަޅުގައި ކުނި ނެރެން އަންގާފައި ވާ އިރު ކޮންމެ ގޭބިސީއަކުން ކުނި އުކުމާއި ކޮތަޅުގެ ހަރަދަށް މަހަކު 330 ރުފިޔާ ހޭދަކުރަން ޖެހެއެވެ. ތަކެތީގެ އަގުތައް ބޮޑުވެ، އިންފެލޭޝަން މައްޗައް ދާ މި ދަނޑިވަޅުގައި ކޮތަޅު ވިއްކާ ފަރާތްތަކުން ދަނީ ކޮތަޅުގެ އަގުވެސް ބޮޑު ކުރަމުންނެވެ. މިހާރުވެސް ބައެއް ފިހާރަތަކުން ވަކި ކޮތަޅު (ބާޒާރު ކުރާ ޕްލާސްޓިކް ކޮތަޅުގެ) ގެ މެދު ސައިޒު ވިއްކަނީ 2 ރުފިޔާއަށެވެ.