ބޭންކް އޮފް މޯލްޑިވްސް އިން މާސްޓަރކާޑާއި ގުޅިގެން ރާއްޖޭގައި އިންޓަރގްރޭޓެޑް ޓްރާންސްޕޯޓް ސިސްޓަމެއް ގާއިމްކުރަން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ޓްރާންސްޕޯޓް ހިދުމަތް ފޯރުކޮށްދެމުން އަންނަ އެމްޓީސީސީ އާއި އެ ބޭންކާއި ގުޅިގެން މާސްޓާ ކާޑު ވެގެންދާނީ ރާއްޖެ ޓްރާންސިޓް ލިންކް (އާރުޓީއެލް) ދަށުން ޓްރާންސިޓް ކާޑުގެ އެކްސްކުލޫސިވް ޕޭމަންޓް ނެޓްވޯކަށެވެ.

ބީއެމްއެލް އިން ބުނީ އޯޕަން ލޫޕް ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަތުރު ކުރާ ފަރާތްތަކުން ފައިސާ ދެއްކުމަށް ގިނަ ކާޑުތަކެއް ބޭނުންނުކޮށް އެއް ކާޑަކުން ފައިސާގެ ހުރިހާ މުއާމަލާތެއް ކުރެވޭނެ ކަމަށާއި މި ކާޑު ޓޮޕް އަޕް ކުރުމަށް އިތުރު އިންފްރާސްޓްރަކްޗާ ބޭނުން ކުރަން ނުޖެހުމާއެކު ދަތުރުވެރިންނަށް އިތުރު ހަރަދެއް ކުރަން ނުޖެހޭނެ ކަމަށެވެ.

މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި، ހދ. އަތޮޅުގެ ގެ 14 ރަށެއް ވަނީ އޯޕަން ލޫޕް ޓެކްނޮލޮޖީއާ ގުޅާލާފައެވެ. އަދި ކަނެކްޓިވިޓީގެ މަސައްކަތް ނިމުމަކަށް އަންނައިރު މި ޓްރާންސިޓް ސޮލިއުޝަން މެދުވެރިކޮށް 41 ރަށެއް ގުޅާލެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ މި ޕްރޮޖެކްޓްގެ ކުރިއަށް އޮތް ފިޔަވަހީގައި ރާއްޖޭގައި ދަތުރުފަތުރުގެ އެންމެ ބާރު ބޮޑު މާލެ އަދި ހުޅުމާލެއަށް އޯޕަން ޓެކްނޮލޮޖީ ފުޅާކުރެވި ބަސް އަދި ފެރީގެ ހިދުމަތް ހިމެނިގެންދާނެ ކަމަށެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މާސްޓާ ކާޑާއެކު ދަމަހައްޓަމުންގެންދާ ޕާޓްނާޝިޕް އިތުރަށް ފުޅާކޮށް އެމްޓީސީސީގެ ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރެވޭ އޯޕަން ލޫޕް ޓްރާންސިޓް ކާޑު ތައާރަފް ކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ.