ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މީގެ އަހަރެއް ކުރިން ދިން ހަމަލާގެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އިސްގާޒީ އާދަމް މުހައްމަދު އެ މައްސަލައިން ތަނާޒުލްވެ ވަޑައިގެންފިއެވެ.
މިދިޔަ އަހަރުގެ މޭ 6 ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ތިން ގާޒީންނެވެ. އެ ތިން ގާޒީންނަކީ:
- ގާޒީ އާދަމް މުހައްމަދު
- ގާޒީ މުހައްމަދު މިސްބާހު
- ގާޒީ ސޮފްވަތު ހަބީބު
ނަޝީދަށް ދިން ހަމަލާގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރެއިން އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކު ކަމަށްވާ އިސްހާގު، މ. ކުދެހިގެ ވަނީ އެ މައްސަލައިން ގާޒީ އާދަމް ތަނާޒުލްވެ ވަޑައިގަތުމަށް ސިޓީއެއް ފޮނުވާފައެވެ.
އެ ސިޓީ އާ ގުޅިގެން، އެ މައްސަލައިގެ ޝަރީއަތުގެ މަރުހަލާ މިއަދު ފެށުމުގެ ކުރިން ގާޒީ އާދަމް ވިދާޅުވީ، އެ ސިޓީގައި އިސްހާގު ބުނެފައި ވަނީ ގާޒީ އާދަމް އެ މައްސަލަ ބެލުމަކީ މަސްލަހަތު ފުށޫއަރާ ކަމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލައިން ގާޒީ އާދަމް ތަނާޒުލް ވާން ވަނީ އެދިފައެވެ. އެއަށް ފަހު މިއަދުގެ އަޑުއެހުން ކުރުކޮށްލެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ ވެސް ބައްލަވާފައި ވަނީ ގާޒީ އާދަމެވެ. އެ މައްސަލައިގައި އިސްހާގު ނިސްބަތްވާ ކުދެހިގޭ ހަސަން ޝިފާޒަށް ދައުވާ ކުރިއިރު، އެ މައްސަލަ ހިނގަމުން ދިޔަ ވަގުތު އިސްހާގުގެ ދަރިއަކު ވަނީ ގާޒީ އާދަމަށް އިންޒާރު ދީފައެވެ. ޝިފާޒަކީ އިސްހާގުގެ އެއްބަނޑު އެއްބަފާ މީހެކެވެ.
ގާޒީ އާދަމް ފާހަގަ ކުރެއްވި ގޮތުގައި އެކަން މީގެ ކުރިން އެނގިވަޑައެއް ނުގަންނަވައެވެ. އެކަން އެނގިވަޑައިގަތީ ޝަކުވާގެ ސިޓީ ލިބުމުން ކަމަށް ގާޒީ ވިދާޅުވިއެވެ.
އެހެންކަމުން، އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާނީ ކޮން ބޭފުޅެއްކަން އަދި ނޭނގެއެވެ.