މިދިޔަ އަހަރު އިންޑިއާގެ އަސްކަރިއްޔާއިން ހިންގި ދޯދިޔާ އޮޕަރޭޝަނެއްގައި އާންމުންގެ ބައެއްގެ ފުރާނަ ގެއްލިފައި ވާ މައްސަލާގައި އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ ނާގަލަންޑްގެ ފުލުހުން، އިންޑިއާ ސިފައިންގެ 30 މީހަކާ ދެކޮޅަށް ދދައުވާ އުފުލައިފިއެވެ.

ފުލުހުން ބުނީ އިންޑިއާ ސިފައިން ބަޑީގެ ހަމަލާތައް ދިނީ ވަކި މީހަކަށް ބެލުމެއް ނެތި ކަމަށާ، ހަމަލާ ދިނީވެސް ހާލަތާ އެކަށޭ މިންވަރަށް ވުރެ ގަދައަށް ކަމަށެވެ. ހަތިޔާރު އެޅި ހަނގުރާމަވެރިންތަކެއް ކަމަށް ޝައްކު ކޮށް، އިންޑިއާ ސިފައިން ދިން ހަމަލާތަކުގައި ކުޑަކުދިންގެ ގަޔަށްވެސް ބަޑި ޖަހާފައިވެއެވެ.

މިޔަންމާއާއި އިންޑިއާ ހިއްސާކުރާ ބޯޑަރާ ދާދި ކައިރީގައި މިދިޔަ ޑިސެމްބަރު މަހު ދިން ހަމަލާތަކުގައި 6 ކުޑަކުއްޖެގެ ފުރާނަ ގެއްލިފައިވެއެވެ. އޭގެ އިތުރުން އާންމުންގެ 8 މީހަކު މަރުވެފައި ވާ އިރު، އާންމުން ރުޅިއައިސްގެން ހިންގި ކުރިމަތިލުމެއްގައި ސިފައިންގެ މީހަކުވެސް ވަނީ މަރުވެފައެވެ.

އިންޑިއާ އަސްކަރިއްޔާއިން ވަނީ، އަސްކަރިއްޔާގެ އަމަލުތަކަށް މައާފަށް އެދިފައެވެ. އަދި އެ ހާދިސާގެ ތަހުގީގު އަމިއްލައަށް ފެށިއެވެ.

އެ އަމަލާ ދެކޮޅަށް މުޒާހަރާ ކުރި ފަރާތްތަކުން ވަނީ އަސްކަރިއްޔާއަށް ލިބިދީފައިވާ ހާއްސަ ބާރު އަނބުރާ ގެންދިއުމަށް، އިންޑިއާގެ ސަރުކާރަށް ގޮވާލާފައެވެ. އާމްޑް ފޯސަސް ސްޕެޝަލް ޕަވާޒް އެކްޓަކީ، "އޮޅުމެއްގެ" ތެރެއިން އާންމުން މަރާލާ ސިފައިން، ޝަރިއަތަށް ހާޒިރު ކުރުމުން އިސްތިސްނާ ކުރާ އިމްތިޔާޒީ ބާރެކެވެ.