ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ކުރިމަތިލުންތައް އެންމެ ގަދަ ވެފައިވާ ސެވެރޮޑޮނެޓްސްކް ސިޓީގެ ކެމިކަލް ޕްލާންޓެއްގައި ވަރަށް ގަދައަށް ރޯވެފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ހުއްޓުމެއް ނެތި ކުރިމަތިލުންތައް ހިންގަމުންދާ ސެވެރޮޑޮނެޓްސްކް ސިޓީގެ ކެމިކަލް ޕްލާންޓެއްގައި އަލިފާން ރޯވީ، ރަޝިއާގެ ހަމަލާއެއްގެ ސަބަބުން ކަމަށް ސަރަހައްދީ އިސް އޮފިޝަލު ވަނީ ހާމަ ކުރައްވަފައެވެ.

ޔޫކްރައިންގެ ޓީވީއަކަށް މައުލޫމާތު ދެއްވަމުން ސެރްހީ ހައިދައި ވިދާޅުވީ އަލިފާންގަނޑު ރޯވީ އެޒޮޓް ޕްލާންޓުގެ ރޭޑިއޭޓަރުތަކުން އެތައް ޓަނެއްގެ ތެޔޮ ބޭރުވުމަށް ފަހުގައި ކަމަށެވެ.

ބުނެވޭ ގޮތުގައި އެ ޕާލްންޓަކީ، އާންމުންގެ އެތައް ސަތޭކަ ބަޔަކު ހިމާޔަތް ހޯދަމުން ދާ ޕްލާންޓެކެވެ. މި ހާދިސާގައި އާންމުންނަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ސާފެއް ނުވެއެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލްކޮށް ނުވަތަ ނިއްވާލި ކަމުެ މައުލޫމާތެއްވެސް ނުލިބެއެވެ.

ޔޫކްރައިންގެ އޮފިޝަލުން ވަނީ އެޒޮޓް ޕްލާންޓްގެ ބިންގަރާހުގައި ގާއިމު ކޮށްފައިވާ ބޮމުން ދިފާއުވާ ހިޔާތަކުގައި، އާންމުންގެ 800 އެއްހާ މީހުން ތިބޭނެ ކަމަށް ވިދާޅުވެފައެވެ.

އިރުމަތީ ޔޫކްރައިންގެ ސަރަހައްދު ހިފުމަށް ރަޝިއާއިން ފޯރި ގަދަ ކުރަމުން ދާއިރު، ސެވެރޮޑޮނެޓްސްކް ސިޓީއަކީ ހަނގުރާމައިގެ މުހިންމު މައިދާނަކަށް ވަނީ ވެފައެވެ.

ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، އެ ގައުމުގެ ބޮޑެތި ސަރަހައްދުތަކެއް ހިފުމަށް ކުރި މަސައްކަތް ފެއިލްވުމާ ގުޅިގެން، ރަޝިއާގެ އަސްކަރިއްޔާއިން މިހާރު އަމާޒު ހިފާފައި ވަނީ ރަޝިއާގެ ތައީދާއެކު، ޔޫކްރައިންގެ މައި ސަރުކާރުން ވަކިވެގަތުމަށް މަސައްކަތް ކުރަމުން ދާ އުތުރު ހިސާބުތައް ކަމަށް ވާ ލުހާންސްކްއާއި ޑޮނެޓްސްކް، ނުވަތަ ޑޮންބާސް ސަރަހައްދު، ރަޝިއާގެ ބާރުގެ ދަށަށް ގެންދިއުމަށެވެ.

ސެވެރޮޑޮނެޓްސްކް ސިޓީގެ ބޮޑު ބައެއް މިހާރު އޮތީ ރަޝިއާގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް ހައިދައި ވަނީ އިއުތިރާފުވެވަޑައިގެންފައެވެ.

ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީވެސް ވަނީ ޑޮންބާސް ސަރަހައްދުގައި، ޔޫކްރައިންގެ އަސްކަރީ ފައުޖުތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައި ވާ ކަމަށް ވިދާޅުވެފައެވެ. ޔޫކްރައިނުން ދަނީ އެ ގައުމަށް އިތުރު ހަތިޔާރު ފޯރުކޮށްދިނުމަށްވެސް ގޮވާލަމުންނެވެ.