ވިލިމާލޭގައި ފައިބަރު މަސައްކަތްކުރާ މީހުންނަށް ތިލަފުށިން ބިން ހަމަޖައްސައިދޭން އެދެން ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

އޭގެއިތުރުން ވެސް ތިލަފުށިން ބިމެއް ހަމަޖެހެންދެން ވިލިމާލޭގެ ހުޅަނގު ފަރާތުގައި އެކަށީގެންވާ ހަރުގެއެއް ގާއިމުކޮށް، އެ ތަނުގެ މަސައްކަތް ރެގިއުލޭޓުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކައުންސިލުން ނިންމާފައިވެއެވެ.

ކައުންސިލުން އިތުރަށް ނިންމާފައިވަނީ އަންނަ އޯގަސްޓު މަހުގެ 1 ވަނަ ދުވަހުގެ ކުރިން މިހާރު ފައިބަރު މަސައްކަތްކުރާ ތަން ބަންދުކުރުމަށެވެ. އަދި މޫދަށް އެރިއުޅޭ ސަރަހައްދާ ފައިބަރު މަސައްކަތް ކަރިވިޔަ ނުދިނުމުގެ ގޮތުން ހާއްސަ ފެންސެއް ޖެހުމަށްވެސް ނިންމާފައިވެއެވެ.

މީގެއިތުރުން ކައުންސިލުން ނިންމާފައިވަނީ ފައިބަރު މަސައްކަތްކުރާ ސަރަހައްދު ބަލައި މޮނީޓާކުރުން މިހާރަށްވުރެ ހަރުދަނާ ކުރުމަށެވެ.

ކައުންސިލުން ބުނީ ޕޮލިހުން ވިލިމާލެ ބީޗުގެ ބޮދު ސަރަހައްދެއް ފެންސުޖަހައި ބަންދުކޮށްފައި އޮތުމުގެ ސަބަބުން މޫދަށް އެރެން ސަރަހައްދު ކުޑަކަމުން އެ މައްސަލައިގައި ރައްޔިތުންގެ ޝަކުވާ ކެނޑިނޭޅި ކައުންސިލަށް ލިބެމުން ދާ ކަމަށާއި އެ ފެންސް ނެގުމަށް ޕޮލިހުގައި ދެންނެވުމަށްވެސް ކައުންސިލުންވަނީ ފާސްކޮށްފައިވާ ކަމަށެވެ.