މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހދ. ވައިކަރަދޫ ކައުންސިލްގެ ކުރީގެ މެންބަރު އަދި ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހުމަދު ހާޝިމް (ޓިންޓިން) އަށް ވަރަށް ބޮޑަށް އަނިޔާވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ރޭ 8:23 ހާއިރު، ހާޝިމް އެކްސިޑެންޓްވީ މާލޭގެ ޕޮލިސް ޓޯޔާޑް ކައިރިން މަގު ހުރަސްކުރަނިކޮށް ސައިކަލެއްގައި ޖެހިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި ހާޝިމްގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

އުމުރުން 47 އަހަރުގެ ހާޝިމަށް އަނިޔާވެގެން އެޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި ވައިރު ހާޝިމްގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށް އާއިލާއިން ވަނީ އެދިފައެވެ.

ހާޝިމް އެކްސިޑެންޓް ވީ ވަގުތު އެ ސަރަހއްދުން ދިޔަ ޓްރީޓޮޕް ހޮސްޕިޓަލްގެ އެމްބިއުލާންސެއްގައި އެންމެ ފުރަތަމަ އޭނާ ގެންގޮސްފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ކަމަށް ބައެއް މީޑިއާ ތަކުން މައުލޫމާތު ދެއެވެ. ނަމަވެސް އޮޕަރޭޝަން އެއް ކުރަން ޖެހުމުން ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ވަނީ އޭޑީކޭއަށް ބަދަލުކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައާ ގުލީގެން ފުލުހުން ބުނެފައި ވަނީ މި އެކްސިޑެންޓް ހިނގި އިރު ސައިކަލު ދުއްވަން އިން މީހާ އަކީ ލައިސަންސް އޮތް މީހެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ. އަދި މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.