މެއި 6 ވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކޮށްފައިވާ މީހުންގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ގިނަ ހެކިތަކެއް ބަލައިނުގަންނަން ނިންމައިފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމަކީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.

ދައުލަތުގެ ހުށައެޅުންތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ސިއްރު ހެކިވެރިންނަކީ ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމާއި، ހާދިސާ ހިނގި ތަނުގައި ނެތްކަން ބަޔާން ކޮށްދިނުމަށް ދިފާއުން ހުށައަޅާފައިވާ ހެކިވެރިން ބަލައިނުގަތުމަށް އެދި ހުށައަޅާފައިވާ ހުށައެޅުންތަކަކާއި އަދި ހެކި ރައްކާތެރި ކުރުމުގެ އަމުރު ދާއިމީ ކޮށްދިނުމަށް އެދި ހުށައަޅާފައިވާ ހުށައެޅުންތައް ހިމެނެއެވެ.

ދައުވާ ރައްދުވާ ފަރާތްތަކުންނާއި އަދި ދައުލަތުން ވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ގިނަ ހުށަހެޅުންތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން ދެ ފަރާތުން ވެސް ހުށަހަޅާފައިވާ ގިނަ ހެކިތަކެއް ބަލައިނުގަތުމަށް ވަނީ އެދިފައެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ތަހުގީގުގައި ބަޔާންކޮށްފައިވާ ހެކިތައް ބަލައިގަތުމަށް ޝަރީއަތުން ވަނީ ނިންމާފައެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 12 ޖޫންގައެވެ. މިއަޑުއެހުމުގައި މި މައްސަަލައިގެ ޝަރީއަތް ފަށައި އިފްތިތާޙީ ބަޔާން ހުށައެޅުމަށް ވަނީ ނިންމާފައެވެ.

މިދިޔަ އަހަރުގެ މެއި މަހު ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުން ކޮށްގެން އެ އައިއީޑީ ގޮއްވާލީ އަދުހަމް ވަނީ އޭނާ ކުރި ކުށަށް އިއުތިރާފްވެފައެވެ. އަދި އޭނާއަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.