ދުނިޔޭގެ އެންމެ ދެކުނު ތަނޑީގެ ސަރަހައްދު ނުވަތަ އެންޓާކްޓިކަށް ފައިބާފައިވާ ތާޒާ ސްނޯގައިވެސް މައިކްރޯޕްލާސްޓިކް ނުވަތަ ހިމުން ކުނޑިކޮޅުތަކަކަށް ވެފައިވާ ޕްލާސްޓިކް އެކުލެވޭ ކަމަށް، ސައެންސްގެ ހޯދުންތަކުން ދައްކައިފިއެވެ.

މިއީ އެންޓާކްޓިކް ސަރަހައްދަށް ފޭބި ތާޒާ ސްނޯއިން މައިކްރޯޕްލާސްޓިކް ފެނުނު ފުރަތަމަ ފަހަރެވެ.

ނިއުޒީލަންޑްގެ ޔުނިވާސިޓީ އޮފް ކެންޓަބަރީގެ ޓީމުން ކުރިއަށް ގެންދިޔަ ދިރާސާގައި އެންޓާޓިކާގެ 19 ސަރަހައްދަކުން ސްނޯގެ ސާމްޕަލްތައް ނަގާފައި ވާ އިރު، ކޮންމެ ސަރަހައްދެއްގެ ސާމްޕަލްގައިވެސް ޕްލާސްޓިކްކޮޅުތައް ހުއްޓެވެ.

މައިކްރޯޕްލާސްޓިކް އުފެދެނީ އެކި ގޮތް ގޮތުން ޕްލާސްޓިކް ގޭނި، މުގުރިގެންނެވެ. މައިކްރޯޕްލާސްޓިކް ކޮޅެއްގެ ބޮޑުމިން، ހަނޑޫފުކަކަށް ވުރެ ކުޑައެވެ. އަދި ބައެއް އެތިކޮޅުތަކީ ހަމަލޮލަށްވެސް ނުފެންނަހާ ހިމުން އެތިކޮޅުތަކެކެވެ.

ދިރާސާ ސައިޓުން ނަގާ ވިރުވި ސްނޯގެ ކޮންމެ ލީޓަރެއްގައި 29 އެތިކޮޅު ރޭޓުން މައިކްރޯޕްލާސްޓިކް ފެނިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެންޓާޓިކާގައި ޗިލީއިން އޮޕަރޭޓް ކުރާ ބޭސްއެއް / ފޮޓޯ: ޗިލީގެ އަސްކަރިއްޔާ

13 ބާވަތެއްގެ ޕްލާސްޓިކް ފެނިފައި ވާ އިރު، އެންމެ ގިނައީ ޕޮލީއެތުލީން ޓެރެފްތަލީޓު (ޕެޓް) ނުވަތަ ލުއިބުއިން ބަންދުކުރާ ފުޅި އަދި ފޭރާން އުފެއްދުމުގައި ބޭނުން ކުރާ ޕްލާސްޓިކެވެ. ސާމްޕަލްތަކުގެ 79 ޕަސެންޓްގައި ޕެޓް އެކުލެވެއެވެ.

ދުނިޔޭގެ އެންމެ ދެކުނު ތަނޑިއަށް ފޭބި ތާޒާ ސްނޯގައި އެކުލެވުނު މައިކްރޯޕްލާސްޓިކަކީ ވައިގެ ޒަރިއްޔާއިން ފެތުރިފައިވާ މައިކްރޯޕްލާސްޓިކް ކަމަށާ، އެންމެ ގާތް މަސްދަރަކީ އެސަރަހައްދުގައި ހިންގާ ރިސާޗާ ސްޓޭޝަންތައް ކަމަށް، ރިސާޗާ އެލެކްސް އެވްސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މޮޑެލްއަށް ބަލާއިރު، ޕްލާސްޓިކްތަކުގެ އަސްލު ނުވަތަ އޮރިޖިންއަކީ 6000 ކިލޯމީޓަރު ދުރު ސަރަހައްދެއް ކަމަށް ވަނީ ދައްކާފައެވެ.

އެންޓާޓިކާއަކީ ހަލުވި މިނުގައި ހޫނުވަމުން އަންނަ ސަރަހައްދެއް / ފޮޓޯ: ފިއުޗާރިޓީ

މީގެ ކުރިން އެންޓާކްޓިކް ސަރަހައްދުގެ ކަނޑުގެ ގަނޑުފެނާއި، ސަތަހައިގެ ފެން ފަށަލައިން މައިކްރޮޕްލާސްޓިކްގެ ތަޣައްޔަރުކަން ވަނީ ފެނިފައެވެ. ނަމަވެސް މިއީ ތާޒާ ސްނޯއިން މި ތަޣައްޔަރުކަން ފެނުނު ފުރަތަމަ ފަހަރެވެ.

މައިކްރޯޕްލާސްޓިކްގެ ތަޣައްޔަރުކަމާ މެދު އިންތިހާއަށް ކަންބޮޑުވުންތައް އިތުރު ވަމުން ދިޔަ ނަމަވެސް، މައިކްރޯޕްލާސްޓިކްގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ލިބޭ ސީދާ ގެއްލުންތަކުގެ ފުރިހަމަ ދިރާސާއެއް އަދި ހެދިފައެއް ނެތެވެ. ނަމަވެސް ސެލް މަރުވުމާއި އެލާޖިކް ވުން ފަދަ ސިއްހީ މައްސަލަތައް ދިމާވާ ކަމަށް، އެކި ހޯދުންތަކުން ވަނީ ދައްކާފައެވެ.