މީޑިއާ ކައުންސިލްގެ ރައީސް ކަމަށް މުހައްމަދު ޝަފާއު ހަސަން އިންތިހާބުކޮށްފިއެވެ.

ރާއްޖޭގެ މީޑިއާތަކުގެ ބެލެނިވެރި ކައުންސިލްގެ ރައީސް ކަމަށް ޝަފާއު އިންތިހާބުކޮށްފައި ވަނީ، މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ނުވަ މެންބަރުންގެ އިއްތިފާގުންނެވެ.

އޭގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި އެމްއެމްސީގެ ކުރީގެ ރައީސް ޝަހުބާން ފަހުމީ މަގާމުން އިސްތިއުފާ ދެއްވަން ބޭނުންވާ ކަމަށް އިއްޔެ ހުށަހަޅުއްވާފައިވާތީ، ޝަހުބާންގެ އިސްތިއުފާ ގަބޫލުކުރުމަށް ވެސް ކައުންސިލްގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުބާން ވިދާޅުވީ، އޭނާ އެ މަގާމުގައި އިތުރަށް ހުރެއްޖެ ނަމަ، ނޫސްވެރިންނަށާއި މީޑިއާތަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި އިސްތިއުފާ ދެއްވާ ކަމަށެވެ.

"އަޅުގަނޑު ދެން ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލްގެ ރައީސް ކަމުގަ ހުރެއްޖިއްޔާ މީޑިއާ ކައުންސިލަށާއި، ދިވެހިރާއްޖޭގެ ނޫސްވެރިންނަށާއި، މީޑިއާ ތަކަށް ލިބިދާނެ އިއާދަނުކުރެވޭ ފަދަ ގެއްލުމަކަށްޓަކައި މި އިސްތިއުފާ މި ދެނީ." ޝަހުބާން ވިދާޅުވިއެވެ.

ނަމަވެސް ޝަހުބާން ވަނީ އޭނާގެ މައްޗަށް ކުރެވޭ މަނީ ލޯންޑްރިންގެ ތުހުމަތުތައް ތަކުރާރުކޮށް ދޮގު ކުރައްވައިފައެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އެއްބަނޑު އެއްބަފާ ބޭބެ އަދި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އިސްވެ ހުންނަވައި، ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމާއި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ މައްސަލައެއް ބަލަމުން ދަނިކޮށެވެ.

ޝަހުބާން މަގާމުން ވަކިކުރުމަށްޓަކައި ދެ ފަހަރެއްގެ މަތިން ޖަލްސާ ބާއްވައި ވޯޓު ނަގާފައިވާއިރު، އޭނާގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވެސް ހުށަހަޅާފައިވެއެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން، އެމްއެމްސީގެ މެންބަރުން އޭރު ޖަލްސާތައް ބޯއިކޮޓް ކޮށްފައިވެސް ވެއެވެ