މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އަހަރީ އާންމު ޖަލްސާގައި އާ ރައީސަކު އިންތިހާބުކުރަން އެޖެންޑާ ކޮށްފިއެވެ.

އެމްޖޭއޭގެ އަހަރީ އާންމު ޖަލްސާ ބާއްވަން ތާވަލް ކޮށްފައި ވަނީ މިމަހު 18 ވަނަ ދުވަހު ހަވީރު ސްޓެލްކޯގެ ސެމިނާ ރޫމުގައެވެ.

އެމްޖޭއޭއިން ބުނީ މިޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ އެޖަމިއްޔާގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށް ކަމަށެވެ.

މި ޖަލްސާގައި ހުސްވެފައިވާ އެޖަމިއްޔާގެ ރައީސްގެ މަގާމަށް މީހަކު އިންތިހާބު ކުރުމުގެ އިތުރުން އެމްޖޭއޭގެ ހިންގާ ގަވައިދަށް ގެނައުމަށް ހިންގާ ކޮމިޓީން ފާސްކޮށްފައިވާ އިސްލާހުތަކަށް ވޯޓު އެހުން ވެސް އޮންނާނެ ކަމަށް އެމްޖޭއޭއިން ބުނެއެވެ.

އެމްޖޭއޭގެ ހިންގާ ގަވާއިދަށް އިސްލާހު ގެންނަން އެޖެންޑާ ކޮށްފައި ވާއިރު މި ޖަލްސާ ބޭއްވޭނީ ޖުމްލަ މެންބަރުންގެ ހަތަރުބައި ކުޅަ އެއްބައި މެންބަރުން ބައިވެރިވެގެން ކަމަށްވާތީ ގިނަ މެންބަރުން މި ޖަލްސާގައި ބައިވެރިވުމަށް އެމްޖޭއޭއިން ވަނީ އެދިފައެވެ.

އެމްޖޭއޭގެ ރައީސްކަމުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމު އަދާކުރި މުހައްމަދު ހަމްދޫން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. ހަމްދޫނު އިސްތިއުފާ ދިނީ ވަޒީފާ އާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުގެ ސަބަބުން މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެކަށީގެންވާ ވަގުތު ދެވެން ނެތުމުން ކަމަށް ހަމްދޫންގެ އިސްތިއުފާގެ ސިޓީގައި ވަނީ ފާހަގަ ކޮށްފައެވެ.