ސްރީލަންކާއަށް މިވަގުތު އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކާބޯތަކެއްޗާއި ދަނޑުވެރިކަން އަދި ސިއްހީ ދާއިރާއަށް އެހީ ހޯދުމަށް އދއިން ބައިނަލްއަގުވާމީ މުޖުތަމައުގައި އެދުމަށް ތައްޔާރުވެފައި ވާ ކަމަށާ، އެކަން ހަމަޖެހެންދެން ކެތްތެރިވުމަށް، މާލީ އަދި އިގުތސޯދީ ގޮތުން އިނދަޖެހި، އާންމު ދިރިއުޅުމުގެ ޒަރުރީ ހިދުމަތްތަކަށް ބުރޫ އަރާފައިވާ ސްރީލަންކާގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ، އެ ގައުމުގެ ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ވާހަކަފުޅުދައްކަވަމުން ވިކްރަމަސިންހަ ވިދާޅުވީ 4 މަސްދުވަހުގެ މުއްދަތަކަށް ބަހާލައިގެން 48 މިލިއަން ޑޮލަރުގެ އެހީ، ސްރީލަންކާއަށް ފޯރުކޮށްދިނުމަށް އދއިން މަސައްކަތް ކުރަމުން ދާ ކަމަށެވެ. ނަމަވެސް މިއީ ކުރިއަށް އޮތް 6 މަހެއްހާ ދުވަހު ސްރީލަންކާގެ ދެމިއޮތުމަށް ކޮންމެހެން ބޭނުންވާ 6 ބިލިއަން ޑޮލަރުގެ އެހީއާ އަޅާ ބަލާއިރު އިންތިހާއަށް ކުޑަ މިންވަރެއްކަން ފާހަގަ ކުރަން ޖެހެއެވެ.

ކުރިއަށް އޮތް 3 ހަފުތާއެއްހާ ދުވަހަކީ ޒަރޫރީ ބައެއް ތަކެތި ހޯދުމަށް ދަތިވެގެން ދާނެ ދުވަސްތަކެއް ކަމަށް އިންޒާރު ކުރައްވަމުން ވިކްރަމަސިންހަ ވަނީ ހުރިހާ ރައްޔިތުންވެސް އެއްބައެއްވަންތަކަން އިސްކޮށް، ކެތްތެރިވުމަށް ގޮވާލައްވާފައެވެ. އަދި ސަޕްލައި ހީނަރުވެފައިވާ ތަކެތި ބޭނުން ކުރުމުގައި ފަރުވާތެރިވެ، ކޮންމެހެން ކުރަން ނުޖެހޭ ދަތުރުފަތުރު ހުއްޓާލުމަށްވެސް ލަންކާ ބޮޑުވަޒީރު ވަނީ ގޮވާލައްވާފައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިކްރަމަސިންހަ ވަނީ، މި ދުވަސްވަރު ތެލާއި ގޭސް، ގިނަ އަދަދަކަށް އެއްކޮށް ޖަމާކޮށް ފޮރުވާ ހެދުމުން އެއްކިބާވުމަށް ގޮވާލައްވާފައެވެ. އަދި ހިދުމަތަށް ބުރޫ އެރުމެއް ނެތި ހަކަތައާއި ކާބޯތަކެތި ސަޕްލައި ކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވޭތޯ ސަރުކާރުން ބަލާނެ ކަމަށްވެސް ވިކްރަމަސިންހަ ވަނީ ވިދާޅުވެފައެވެ. އެކަން ކަށަވަރު ކުރުމަށްޓަކާ އެކި ފަރާތްތަކާއެކު މިހާރުވެސް މަޝްވަރާތައް ކުރިއަށް ދާ ކަން ވިކްރަމަސިންހަ ވަނީ ފާހަގަ ކުރައްވާފައެވެ.

22 މިލިއަން މީހުންގެ އާބާދީއެއް އޮތް ސްރީލަންކާ މިއަދު ވަނީ މުޅިންހެން ބަނގުރޫޓުވެފައެވެ. އެ ގައުމަށް ވަނީ ބޭރުގެ ފަރާތްތަކަށް ދައްކަން ހުރި ދަރަނިތައްވެސް ހަލާސް ކުރެވޭ ގޮތް ނުވެ، ޑީފޯލްޓްވެފައެވެ. ނަތީޖާއެއްގެ ގޮތުން މުދަލުގެ އިމްޕޯޓަށް ހުރަސް އެޅި، ބަޒާރުގައި ޒަރޫރީ ތަކެތި ހީނަރުވީއެވެ.