މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ކަމުގައި ހުންނެވި ޝަހުބާން ފަހުމީ އެންމެ ފަހުން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މަގާމުން އިސްތިއުފާ ދެއްވިކަމަށް ޝަހުބާން ވިދާޅުވެފައި ވަނީ، އޭނާގެ ބޭބެ އަދި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އިސްވެ ހުންނަވައި، ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމާއި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގައި ޝަހުބާންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލައެއް ބަލަމުން ދަނިކޮށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުބާން ވިދާޅުވީ، އޭނާ އެ މަގާމުގައި އިތުރަށް ހުރެއްޖެ ނަމަ، ނޫސްވެރިންނަށާއި މީޑިއާތަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި އިސްތިއުފާ ދެއްވާ ކަމަށެވެ.

"އަޅުގަނޑު ދެން ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލްގެ ރައީސް ކަމުގަ ހުރެއްޖިއްޔާ މީޑިއާ ކައުންސިލަށާއި، ދިވެހިރާއްޖޭގެ ނޫސްވެރިންނަށާއި، މީޑިއާ ތަކަށް ލިބިދާނެ އިއާދަނުކުރެވޭ ފަދަ ގެއްލުމަކަށްޓަކައި މި އިސްތިއުފާ މި ދެނީ." ޝަހުބާން ވިދާޅުވިއެވެ.

ނަމަވެސް، ޝަހުބާން ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވައި، އެ ތުހުމަތުތަކަކީ ސިޔާސީ ބޭނުންތަކެއްގައި ކުރެވޭ ތުހުމަތުތަކެއް ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮށްފައިވާ ތުހުމަތުތަކުގެ ސަބަބުން، އޭނާ އަށް މަގުމަތިން ދިމާކޮށް، ނުރައްކަލާ ކުރިމަތިލާން ޖެހިފައިވެއެވެ.

ޝަހުބާން މަގާމުން ވަކިކުރުމަށްޓަކައި އެމްއެމްސީން ދެ ފަހަރެއްގެ މަތިން ޖަލްސާ ބާއްވާފައިވާއިރު، މޭ 22 ގައި ބޭއްވި ޖަލްސާ އަދި ރޭ ބޭއްވި ޖަލްސާގައި ވެސް ޝަހުބާންގެ މައްޗަށް އިތުބާރު ނެތް ކަމަކަށް ފާހެއް ނުވިއެވެ.

ޝަހުބާންގެ މައްސަލަ ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވެސް ވަނީ ހުށަހަޅައިފައެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން، އެމްއެމްސީގެ މެންބަރުން ޖަލްސާތައް ބޯއިކޮޓް ކޮށްފައިވެސް ވެއެވެ.