ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މައްސަލައަކީ ރަސޫލާއަށް ފުރައްސާރަ ކުރުމާ ދެކޮޅު މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ ބޭރުކޮށްލީ ޑްރާމާ ކުޅެން ފުރުސަތު ނުދޭން ކަމަށް އެމްޑީޕީއިން ބުނެފިއެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއް ހުށަހެޅުއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީ ބީޖޭޕީން ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި ދިވެހި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާތީ އާއި ރަސޫލާއަށް ފުރައްސާރަ ކުރި ކުރުން ކުށްވެރިކޮށް، އެކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް 33 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

އެ މައްސަލަ ބޭރުކޮށްލުމުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުންނަށް ފާޑުކިޔުން އަމާޒުވެފައިވާއިރު އެމްޑީޕީ ޕީޖީ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ވެރިކަންކުރާ ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އިސްތަރުޖަމާނު ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގައި އެކަން ކުށްވެރިކޮށް އިއްޔެ ބަޔާން ނެރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދަވާ ކަމުގެ މައުލޫމާތު އެޕާޓީގެ ޕާލިމަންޓަރީ ގްރޫޕަށް ސަރުކާރުން ދެއްވަވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން އެގޮތަށް އަމަލުކުރަން ނިންމީ އިދިކޮޅު ފަރާތްތަކުން އިސްލާމްދީނާއި ކީރިތި ރަސޫލާގެ ނަންފުޅު ބޭނުން ކުރައްވައިގެން ސިޔާސީ ޑްރާމާއެއް ކުޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީ ކަމަށްވެސް އެމްޑީޕީއިން ވަނީ ބުނެފައެވެ.

މީގެ އިތުުރުން އެ މައްސަލައަކީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި އެއީ ސަރުކާރާ ދާކޮޅަށް ރައްޔިތުންނަށް އޮޅުވާލުމުގެ މަގްސަދުގައި ހުށަހެޅި މައްސަލައެއްގެ ގޮތުގައި އެމްޑީޕީއިން ވަނީ ތުހުމަތުކޮށްފައެވެ.