މަނީ ލޯންޑަރިންގެ ބޮޑު ތުހުމަތެއް ކުރެވޭ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްގެ މަގާމުގައި ހުންނެވި ޝަހުބާން ފަހުމީގެ މައްޗަށް އިތުބާރު ނެތް ކަމަކަށް ރޭ ވެސް ފާހެއް ނުވިއެވެ.

ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމާއި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގައި އެމްއެމްސީން ވަނީ މީގެ ކުރިން މިދިޔަ މޭ މަހުގެ 22 ގައި ކުއްލި ބައްދަލުވުމެއް ބާއްވައި، ޝަހުބާނަށް އިތުބާރު އޮތްތޯ ވޯޓެއް ނަގައިފައެވެ.

އެ ވޯޓުގައި ޝަހުބާންގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އެ ބައިވެރިވި 13 މެންބަރުންގެ ތެރެއިން އަށް މެންބަރުންނެވެ. ބާކީ ތިބި މެންބަރުން ވޯޓު ދެއްވީ އޭނާ އަށް އިތުބާރު އޮތް ކަމަށެވެ.

ރޭ ވެސް އެމްއެމްސީން ވަނީ ޖަލްސާއެއް ބާއްވައި ޝަހުބާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައިފައެވެ. ރޭގެ ޖަލްސާގައި 10 މެންބަރުން ބައިވެރިވިއިރު، އެއް މެންބަރަކު ފިޔަވައި ބާކީ ތިބި މެންބަރުން ވޯޓު ދިނީ ޝަހުބާންގެ އިތުބާރު ނެތް ކަމަށެވެ. ރޭގެ ޖަލްސާގައި ޝަހުބާން ބައިވެރިވެފައެއް ނުވެއެވެ.

ގާނޫނު ބުނާ ގޮތުން، އެމްއެމްސީގެ މެންބަރެއްގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ އެ ކައުންސިލްގެ ތިންބައި ކުޅަ ދެބައި މެންބަރުންގެ ވޯޓު ލިބިގެންނެވެ.

އެމްއެމްސީގެ ގާނޫނުގައިވާ ގޮތުން، ރައީސްގެ މަގާމު ހުސްވާނީ:

  • ދައުރު ހަމަވުމުން
  • މެންބަރު ކަމުން ވަކިކުރުން
  • އިސްތިއުފާ ދިނުން
  • މަރުވުން
  • މެންބަރެއްގެ ގޮތުގައި ހުރުމަށް ގާނޫނުން ލާޒިމްކުރާ ސިފައެއް އުނިވުން

ޝަހުބާންގެ މައްސަލަ ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވެސް ވަނީ ހުށަހަޅައިފައެވެ. ޝަހުބާނަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭއިރު އޭނާ އެ މަގާމުގައި ހުންނަވާތީ، އެމްއެމްސީގެ މެންބަރުން ދަނީ ޖަލްސާތައް ބޮއިކޮޓް ކުރަމުންނެވެ.