ކާރޫބާރުބޮޑު މާލޭގެ މަގުތަކުގައި ގޭގެއަށް ވަދެނިކުތުމާއި، ޕާކިން މައްސަލަ އަކީ ހަމަ އެކަނި ސިޓީ ކައުންސިލަށް ހައްލު ކުރެވޭ ވަރަށް ވުރެ ބޮޑު މައްސަލައެއް ކަމަށް މާލޭ ސިޓީގެ މޭރަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މާލޭގެ މަަގުތަކުގައި ހުރި މައްސަލަތަކަކީ، ގިނަ ދުވަސްތަކެއް ވެ، އެ ކައުންސިލް އައި އިރުވެސް ހުރި މައްސަލަތައް ކަމަށާއި، މައްސަލަތައް ހައްލު ކުރުމަށް ކައުންސިލުން މިހާރުވެސް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް މާލޭގެ މަގުތަކުގެ ޕާކިން އާއި އަދި އެކި ގޭގެއަށް ވަދެ ނިކުތުމަށް ހުރި ދަތިތަކަކީ، ސިޓީ ކައުންސިލްގެ އިތުރުން ކަމާ ގުޅުން ހުރި ހުރިހާ މުއަައްސަސާއެއްގެ ބައިވެރިވުމާއެކު ނޫނީ ހައްލު ނުވާކެ ކަމެއް ކަމަށް މޭޔާރު ވިދާޅުވިއެވެ.

"ކަންކަން ކުރެވޭތޯ އެބަ އުޅެން، ކަންކަން ކުރެވޭތޯ އުޅޭ ބަޔަކީވެސް އަޅުގަނޑުމެންތާ، އެހެންވީމާ އެވާހަކަ ދައްކާނީވެސް އަޅުގަނޑުމެން. ނަމަވެސް ޒިންމާ އަސްލު ނަގަން ޖެހޭ އެހެން ފަރާތްތައް އެބަހުރި، އެމީހުން އެވާހަކައެއް ނުދައްކާނެ"
ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ވިދާޅުވީ، ބައެއް ކަންކަން ކުރުމަށް ބަޖެޓުގެ ދަތިކަމަކީވެސް އޮތް ގޮން ޖެހުމެއް ކަމަށެވެ. ސަރުކާރުން ދޭ ބަޖެޓް ދެމުން ގެންދިޔަ ނަމަވެސް، ސިޓީ ކައުންސިލުން ކުރަން ބޭނުންވާ ބައެއް ވިޔަފާރިތައް ކުރުމަށް އުފައްދަން މަސައްކަތް ކުރާ ކުންފުނި އުފައްދުމުގެ ހުއްދަ ނުލިބި އަހަރުވެގެން ގޮސްފައި ވާ ކަމަށެވެ. މަގުހެދުމާއި، ގެދޮރުގެ މަޝްރޫއު ތަކާއި، ޕާކިން އިމާރާތްތަކުގެ މަސައްކަތްތަކަކީ ވެސް އެ ކުންފުނި ހަދާ، ސިޓީ ކައުންސިލުން ކުރަން ބޭނުންވާ މަސައްކަތް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ދަ ޕްރެސް" އަށް އިންޓަވިއު ދެއްވަނީ / ފޮޓޯ: ދަ ޕްރެސް
"އަޅުގަނޑުމެންގެ ނޯހައު އެބަހުރި ކުންފުނި ހިންގަން، ކުންފުނީގެ ކަންކަން ބައްޓަން ކޮށްގެން ގެންދެވޭނެ. އަޅުގަނޑުމެނަށް އެފުރުސަތު ނުދެއްވުމުން ހިތާމަ ކުރަން"
ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ވިދާޅުވީ، އެކިއެކި އިންވެސްޓަރުންނާ ގުޅިގެން ސިޓީ ކައުންސިލަށް އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތައް ކުރެވިދާނެ ކަމަށާއި، ނަމަވެސް އެކަމަށް ކޯޕަރޭޓް ކުންފުނި އުފެއްދުން މުހިންމު ކަމަށެވެ. ނަމަވެސް ކުންފުނި އުފެއްދުމުގެ ހުއްދަ ނުލިބި އޮތުމާއެކު ހުއްދަ ލިބެންދެންވެސް އާމްދަނީ ލިބޭނެ އެހެން ވަސީލަތްތައް ބަލަމުން ދާ ކަމަށާއި އެގޮތުން ކައުންސިލްގެ އިހުތިސޯސްގެ ތެރޭގައި ދުއްވާ ވެހިކަލްތަކުން ލިބޭ ފީ ލިބޭތޯ މިހާރު މަޝްވަރާ ފަށާފައި ވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެ ފީއަކީ، އެ ކައުންސިލަކަށް ޖަމާ ކޮށްދޭ ގޮތަށް އޮތް އެއްޗެއް ކަމަށާއި އެ ލިބުމަކީ ވަރަށް ރަނަގޅު ކަމެއް ކަމަށެވެ.

"މީ ލާމަރުކަޒީ ނިޒާމު ފައްކާ ކުރަން އައިސް ތިބި ބައެއް ކަމަށް ސަރުކާރުން ބުނޭ، އެހެން ވީމާ މިދިޔަ އަހަރު ދުވަސްތެރޭ ކަންކަން ކޮށް ނުދިން ނަމަވެސް ކުރިއަށް އޮތްތާ ކޮށްދޭނެ ކަމަށް މިބަލަނީ"
ޑރ. މުހައްމަދު މުއިއްޒު

މަގުމަތީގެ މައްސަލަތައް ހައްލު ކުރުމުގައި ވެސް ބަޖެޓާއި ސަރުކާރުގެ ބައިވެރިވުމުގެ މުހިންމު ކަމުގެ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ވޭތުވެ ދިޔަ އަހަރު ދުވަސް ދިޔައީ ސަރުކާރުގެ އަމަލާ ބަހާ ދިމާ ނުވެ ކަމަށް ވިޔަސް، ކުރިއަށް އޮތްތާގައި ކަންކަން ކޮށްދެއްވާނެ ކަމުގެ އުންމީދު އޮތް ކަމަށެވެ.