ރާއްޖެގޭ މަޝްހޫރު ލަވަކިޔުންތެރިޔާ އައިޝަތު އުނޫޝާ (ކިޑީ) އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާން މުކަރްޖީއާ އެކު ހިންދީ ލަވައެއްގައި ދިވެހި ބަހުން ޅެން ބައިތުތައް ހިމަނައިގެން ކިޔައިފިއެވެ.
ޝާން ކޮމްޕޯސްކޮށް އުނޫޝާއާއި ޝާން ކިޔާފައިވާ މި ލަވައިގެ ނަމަކީ "ދިލް އުޅެޔާ" އެވެ. މި ލަވައިގެ ޅެން ދިވެހި ބަހުންނާއި ހިންދީ ބަހުން ގެނެސްފައިވާ އިރު، ހިންދީ ޅެން ހަދާފައި ވަނީ ރާޖޭޝް މަންތަން އެވެ. އަދި ދިވެހި ޅެން ހަދާފައި ވަނީ ރާއްޛޭގެ މަޗްހުރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ކޯމްޕޯސަރު މުހައްމަދު އަބްދުލްޣަނީ (ތޭރަ) އެވެ.
މި ލަވަޔާ ގުޅޭ ގޮތުން ތޭރަ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ހިންދީ ލަވައެއްގައި މަސައްކަތް ކުރުމަށް މި ފަދަ ފުރުސަތެއް ލިބުމުން ވަރަށް އުފާ ކުރާ ކަމަށާއި، އެ ލަވައިގައި ދިވެހި ފޮޅުވަތް ކޮޅެއް ހިމަނާ ލެވުނީތީ ވެސް އުފާ ކުރާ ކަމަށެވެ.
"ދިލް އުޅެޔާ" މި ލަވައަކީ ޑާންސް ފީލް ހިމެނައިގެން ރެގޭ މިއުޒިކަށް އުފައްދާފައިވާ ލަވައެކެވެ. ހަމައެއާއެކު މި ލަވައިގައި ދިވެހި ބޮޑުބެރުގެ ފޯރިގަދަ އަޑުތައްވެސް ވަނީ ހިމަނާފައެވެ. ހަމައެއާއެކު މި ލަވައިގައި ޝާޏް ދިވެހި ބަހުން ރެޕް ބައެއްވެސް ވަނީ ކިޔާފައެވެ. އެބައި ކިޔުމަށް ޝާންއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އުނޫޝާ ކަމަށާއި އަދި އުނޫޝާއަށް ހާއްސަ ޝުކުރެއް ޝަން ވަނީ އަދާކޮށްފައެވެ.
އުނޫޝާ އާ ޝާން ފެނިގެންދާ މިލަވަ އެއްކޮށް ޝޫޓްކޮށްފައި ވަނީ ރާއްޖޭގައެވެ. ލަވައިގެ މަންޒަރުތައް ނަގާފައިވަނީ ކްރޮސް ރޯޑްގެ ހާޑް ރޮކް ހޮޓަލްގައެވެ.
ދިވެހިންގެ ތެރެއިން އެތައް ބަޔަކު މިހާރު އިންތިޒާރު ކުރަމުން ދަނީ މި ލަވަ ރިލީޒް ވާނެ ތާރީހަކަށެވެ. އެ ލަވަ އަދި ރިލީސް ވާނެ ސީދާ ތާރީހެއް ހާމަ ކޮށްފައެއް ނުވެއެވެ. އިސްތިހާރުތަކުގައިވެސް ބުނެފައި ވަނީ "ކަމިން ސޫން" އެވެ.