އަވަށްޓެރި ސްރީލަންކާގައި މިއަދުވެސް ބަޑީގެ ހަމަލާތަކެއް ދީ، މީހެއްގެ ފުރާނަ ދުއްވާލައިފިއެވެ.

ލަންކާ ފުލުހުންނާ ހަވާލަދީ އެ ގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ޓަންގޯލް ސަރަހައްދުގައި މިއަދު ހަވީރު ދިން ބަޑީގެ ހަމަލާތަކުގައި 1 ފުރާނަ ގެއްލިފައި ވާ އިރު، އިތުރު 2 މީހަކު ވަނީ ޒަހަމްވެފައެވެ.

މިއީ ފާއިތުވީ 3 ދުވަހުގެ ތެރޭގައި، ސްރީލަންކާގައި ބަޑީގެ ހަމަލާތަކެއް ދީގެން މީހުން މެރި ކަމަށް ރިޕޯޓް ކުރި 4 ވަނަ ކޭހެވެ.

ހޮނިހިރުދުވަހު އަހަންގާމާ ސަރަހައްދުގައި ބަޑީގެ ހަމަލާ ދީގެން 27 އަހަރުގެ ފިރިހެނަކު މަރާލާފައި ވާ އިރު، ހުކުރު ދުވަހުވެސް ބަޑީގެ ހަމަލާ ދިނުމުގެ 2 ހާދިސާއެއް ރިޕޯޓް ކޮށްފައިވެއެވެ.

ފުރަތަމަ ހަމަލާ ދީފައި ވަނީ އަލަތުގަމާގެ މޮރަގައްލާ ސަރަހައްދުގައި، ހުކުރު ހެނދުނުގެ ވަގުތެއްގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ހާދިސާގައި 1 ގެ ފުރާނަ ވަނީ ގެއްލިފައެވެ.

އެމީހާ މަރުވީ ބަޑީގެ ހަމަލާތަކުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. މަރުވެފައި ވަނީ އުމުރުން 42 އަހަރުގެ ފިރިހެނެއް ކަމަށް، ލަންކާ ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

ހުކުރު ދުވަހު، ބަޑި ޖެހުމުގެ 2 ވަނަ ހާދިސާ ހިނގާފައި ވަނީ ޕަނަދޫރާ ސަރަހައްދުގައެވެ.

ނިރުމަލާ މަވަތައޭ ކިއުނު ސަރަހައްދުގައި ބަޑިޖަހާ މަރާލާފައި ވަނީ 31 އަހަރުގެ ފިރިހެނެއް ކަމަށް ލަންކާ ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

31 އަހަރުގެ މީހާގެ ގަޔަށް ބަޑިޖަހާފައި ވަނީ ސައިކަލެއްގައި އައި މީހެއް ކަމަށާ، އެއީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށް ހަބަރު ލިބެއެވެ. އަދި އެއީ ކީއްވެ ކުރި ކަމެއް ކަންވެސް އަދި ސާފެއް ނުވެއެވެ.

މި ފަހަކަށް އައިސް ސްރީލަންކާގައި ދޭ ބަޑީގެ ހަމަލާތައް އިތުރުވެފައި ވަނީ ކަނޑައެޅިގެން ކޮން ސަބަބަކާ ހެދި ކަމެއް އަދި ނޭނގެއެވެ.

އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައި ވާ އަވަށްޓެރި ސްރީލަންކާގައި މި ފަހަކަށް އައިސް ހިންގާ، މިފަދަ ޖިނާއީ ޖަރީމާތައް ދަނީ އިތުރު ވަމުންނެވެ. އެގޮތުން ހުސްވި މަހުގެ ފަހުކޮޅު، އުމުރުން އެންމެ 9 އަހަރުގެ އަންހެން ކުއްޖަކު، ހަނޑޫ ދަނޑެއްގެ ތެރޭގައި މަރާލާފައި އޮއްވާ ވަނީ ފެނިފައެވެ. އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.