ރަޝިއާގެ ރަސްމީ އެއާލައިން އެއިރޯފްލޮޓުން ސްރީ ލަންކާ އަށް ކުރާ ދަތުރުތައް ސަސްޕެންޑު ކޮށްފައި ވާއިރު، ރާއްޖެ އަށް ކުރާ ދަތުރުތައް ވެސް ސަސްޕެންޑުކުރި ކަމަށް ފެތުރޭ ވާހަކަ އެމްއޭސީއެލުން ދޮގުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތަކާ ހަވާލާދީ އެއިރޯފްލޮޓުން ބުނީ، އެ އެއާލައިނުން ލަންކާ އަށް ކުރާ ދަތުރުތައް ސަސްޕެންޑުކޮށްފައި ވަނީ އެ އެއާލައިންގެ ފްލައިޓެއް މިދިޔަ ބުރާސްފަތި ދުވަހު ހިފެހެއްޓުމާ ގުޅިގެން ކަމަށެވެ.

ލަންކާ އިން އެއިރޯފްލޮޓްގެ ފްލައިޓެއް ހިފަހައްޓާފައިވަނީ ކޯޓު އަމުރެއްގެ ދަށުން، މި މަހުގެ 16 ގެ ނިޔަލަށެވެ. އެހެންކަމުން އެ ފްލައިޓް ލަންކާ އިން ފުރުން ވަނީ މަނާކޮށްފައެވެ.

އެހެންވެ، އެއިރޯފްލޮޓުން ވަނީ އެ ގައުމަށް ދަތުރުކުރަން ޓިކެޓު ވިއްކުން ވެސް ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.

ރާއްޖޭގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ލަންކާ އިން އެޅި ފިޔަވަޅުގެ ސަބަބުން، އެއިރޯފްލޮޓުން ވަނީ އެ އެއާލައިންގެ ދަތުރުތައް ލަންކާގެ އިތުރުން ރާއްޖެއަށް ވެސް ހުއްޓާލައިފައެވެ. ނަމަވެސް އެމްއޭސީއެލުން މިކަން ދޮގުކުރެއެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ ކޯޕަރޭޓް ކޮމިއުނިކޭޝަން ހަސަން އަރީފް "ދަ ޕްރެސް" އަށް ވިދާޅުވި ގޮތުގައި، އެއިރޯފްލޮޓުން އަދިވެސް ރަޝިއާ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ބާއްވައެވެ. އެގޮތުން މިއަދު ވެސް އެއިރޯފްލޮޓްގެ ފްލައިޓެއް ވެލާނާ އެއާޕޯޓަށް އައި ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން އަރީފް ވިދާޅުވީ، އެމްއޭސީއެލްގެ ވެސް، އަދި އެއިރޯފްލޮޓްގެ ވެސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ރަޝިއާ އާއި ޔޫކްރައިން އާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ގިނަ ގައުމުތަކަކުން ރަޝިއާގެ އެއާލައިންތަކަށް އެ ގައުމުތަކުގެ ވައިގެ ސަރަހައްދަށް ވަނުން މަނާ ކުރިއެވެ. އެ ދުވަސްކޮޅު އެ އެއާލައިނުން ރާއްޖެ އާއި ރަޝިއާ އާ ދެމެދު ބޭއްވި ދަތުރުތައް ދެ މަހަށް މެދުކަނޑާލުމަށް ފަހު އަލުން ފަށާފައިވަނީ މިދިޔަ މަހުގެ މެދުތެރޭގައެވެ.

ރަޝިއާ އާއި ޔޫކްރައިން ހަނގުރާމައިގެ ކުރިން އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކީ ރަޝިއާއެވެ. ނަމަވެސް އެ ހަނގުރާމައިގެ ސަބަބުން ރަޝިއާ ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ލިސްޓުގެ ތިންވަނަ އަށް ވެއްޓިފައެވެ.