ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 42 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހުން ދޫކޮށްލި މައްސަލަ މަޖިލިހަށް ހުށަހަޅަން ނިންމައިފިއެވެ.

އެ މައްސަލަ މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވީ، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލައިގައި ފުލުހުންނަށް ޕްރޮސެކިއުޓަރު ޖެނެރަލް ކުރާ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއް ކަމަށްވާތީ، އެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅުއްވާނެ ކަމަށެވެ.

"ގާނޫނު ތަންފީޒުކުރަން ތިބޭ މީހުންގެ އިހްލާސްތެރިކަމެއް ނެތިއްޔާ ޑްރަގްގެ މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއް ނެތް." އުޝާމް ވިދާޅުވިއެވެ.

މިދިޔަ މާޗް މަހުގެ 24 ގައި ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މ. ލަވްނެސްޓު ނަމަކަށް ކިޔާ ގެއަކުން 42 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހުންނަކީ:

  • އަހްމަދު ހުސައިން، މާލެ ދަފްތަރު ރސ 3840 (39އ)
  • އަބްދުﷲ ނަޝީދު، މާލެ / މ. ނޫރުއް

އެ އޮޕަރޭޝަންގައި މާލޭގެ ދެ ގެއަކާއި އަމިއްލަ އޮފީހެއް ބަލައި ފާސްކޮށްފައިވެއެވެ.

ނަމަވެސް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. ދައުވާ ނުކުރަން އެ އިދާރާއިން ނިންމާފައިވަނީ

  • މ. ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިފައި އޮއްވައި އެ ގެ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށްވުމުން
  • އެ ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު، އެގެ ބަލައި ފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވުމުން
  • އެ ގެއަށް ފުލުހުން ވަދެ، އެ ގެ ބަލައި ފާސްކޮށްފައި ވަނީ ގާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 149 ވަނަ މާއްދާ އާއި ހިލާފަށް ކަމުގައިވުމުން
  • އެ ގޭގައި ކަންވީގޮތާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވުން
  • މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރިއިރު، އެ ތަންތަނުގައި ހުރި، ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި، ތަހުލީލު ކޮށްފައިވާ ކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތުން
  • އެ މައްސަލައިގައި ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނެތުން
  • ހައްޔަރުކުރި ދެ މީހުންނާއި ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެއްކާއި ގަރީނާ ހޯދިފައި ނެތުން

މާލޭގެ މާފަންނުގައި ހުންނަ މ. ލަވްނެސްޓުގެ ކޮޓަރިއެއްގެ ތަޅުން ދަށުން 42 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ފުރަތަމަ ހައްޔަރު ކުރީ އަބްދުﷲ ނަޝީދެވެ. އޭރު 2 ވަނަ މީހާ، ޕީއެންސީގެ ކައުންސިލް މެންބަރަކަށް އޭރު ހުރި އަހްމަދު ހުސައިން އުޅުނީ ފިލައިގެންނެވެ.

މިހާރު އޭނާ ކައުންސިލުން ވަކިކޮށްފައި ވާއިރު، އޭނާ ބަންދު މަޖިލީހުގައި ބުނެފައި ވަނީ، އޭނާއާ މެދު ބަޔަކު މައްސަލަ ޖައްސާފައި ވަނީ އޭނާއަށް ދެރައެއް ދިނުމުގެ ގޮތުން ކަމަށެވެ.