އަވަށްޓެރި ސްރީލަންކާގެ 2 ސަރަހައްދެއްގައި ބަޑީގެ ހަމަލާތަކެއް ދީ، 2 މީހެއްގެ ފުރާނަ ދުއްވާލާފައި ވާ ކަމަށް އެ ގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ފުރަތަމަ ހަމަލާ ދީފައި ވަނީ އަލަތުގަމާގެ މޮރަގައްލާ ސަރަހައްދުގައި، މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ހާދިސާގައި 1 ގެ ފުރާނަ ވަނީ ގެއްލިފައެވެ.

އެމީހާ މަރުވީ ބަޑީގެ ހަމަލާތަކުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. މަރުވެފައި ވަނީ އުމުރުން 42 އަހަރުގެ ފިރިހެނެއް ކަމަށް، ލަންކާ ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

ބަޑި ޖެހުމުގެ 2 ވަނަ ހާދިސާ ހިނގާފައި ވަނީ ޕަނަދޫރާ ސަރަހައްދުގައެވެ.

ނިރުމަލާ މަވަތައޭ ކިއުނު ސަރަހައްދުގައި ބަޑިޖަހާ މަރާލާފައި ވަނީ 31 އަހަރުގެ ފިރިހެނެއް ކަމަށް ލަންކާ ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

31 އަހަރުގެ މީހާގެ ގަޔަށް ބަޑިޖަހާފައި ވަނީ ސައިކަލެއްގައި އައި މީހެއް ކަމަށާ، އެއީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށް ހަބަރު ލިބެއެވެ. އަދި އެއީ ކީއްވެ ކުރި ކަމެއް ކަންވެސް އަދި ސާފެއް ނުވެއެވެ.

އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައި ވާ އަވަށްޓެރި ސްރީލަންކާގައި މި ފަހަކަށް އައިސް ހިންގާ، މިފަދަ ޖިނާއީ ޖަރީމާތައް ދަނީ އިތުރު ވަމުންނެވެ. އެގޮތުން ހުސްވި މަހުގެ ފަހުކޮޅު، އުމުރުން އެންމެ 9 އަހަރުގެ އަންހެން ކުއްޖަކު، ހަނޑޫ ދަނޑެއްގެ ތެރޭގައި މަރާލާފައި އޮއްވާ ވަނީ ފެނިފައެވެ. އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގައި ބަޑީގެ ހަމަލާތަކެއް ދީ، 2 މީހެއްގެ ފުރާނަ މިއަދު ދުއްވާލާފައި ވާ އިރު، ފާއިތުވެދިޔަ 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގައިވެސް ވަނީ ބަޑީގެ ވަރުގަދަ 2 ހަމަލާއެއް ދީފައެވެ.