ޓާކީ ނުވަތަ ދިވެހިން ކިއާ ގޮތުން ނަމަ ތުރުކީވިލާތަށް އދގައި ބޭނުން ކުރާ ރަސްމީ ނަން، "ތުރުކިޔޭ" އަށް ބަދަލު ކޮށްފިއެވެ.

ބައިނަލްއަގުވާމީ އެންމެ ބޮޑު އިއްތިހާދުން ތުރުކީވިލާތުގެ ރަސްމީ ނަމެއްގެ ގޮތުގައި "ތުރުކިޔޭ" ބަލައިގަތީ، ތުރުކީވިލާތުގެ ސަރުކާރުން ހުށަހެޅި ހުށަހެޅުމާ އެކުގައެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން މިދިޔަ އަހަރު ފެއްޓެވި ރީބްރޭންޑް ކުރުމުގެ ކެމްޕެއިންގެ ތެރެއިން، ދުނިޔޭގެ ފެންވަރުގައި ހިންގާ ބައިނަލްއަގުވާމީ އެހެން އިދާރާތަކަށްވެސް، ތުރުކީވިލާތުގެ ނަން ބަދަލު ކުރުމަށް ހުށަހަޅާނެ ކަމަށް ހަބަރު ލިބެއެވެ.

"ތުރުކިޔޭ" އަކީ ތުރުކީ މީހުންގެ ސަގާފަތާއި، ހަޟާރާތު އަދި އާދަކާދައިގެ އެންމެ ފުރިހަމަ ރަމްޒު ކަމަށް އުރުދުގާން ވަނީ ވިދާޅުވެފައެވެ.

"ތުރުކިޔޭ" އަކީ ތުރުކީވިލާތުގެ ގިނަ ބަޔަކު މިހާރުވެސް އެ ގައުމަށް ކިޔާ އުޅޭ ނަން ކަމުގައި ވީ ނަމަވެސް، އެ ގައުމަށް ނިސްބަތްކޮށް އެންމެ އާންމު ގޮތެއްގައި ބޭނުން ކުރަމުން ދާ ނަމަކީ "ޓާކީ" އެވެ.

ތުރުކީވިލާތުގެ އާންމު ނަމެއްގެ ގޮތުގައި ގިނަ ބަޔަކު ކިޔާ އުޅޭ "ޓާކީ"ގެ ނަމުން، "ތުރުކިޔޭ"އަށް ނަން ބަދަލު ކުރުމުގެ މައިގަނޑު ބޭނުމަކީ ނަސޯރާ ދީނާ ގުޅިފައިވާ ކްރިސްމަސްއާއި އެނޫންވެސް އެފަދަ ބައެއް ކަންކަމުގައި އާންމު ގޮތެއްގައި ބޭނުން ކުރާ "ޓާކީ ދޫނި" އާއި އެ ގައުމުގެ ނަން އެއްގޮތް ވުމުން، އެކަން ބަދަލު ކުރުމެވެ.

މީގެ އިތުރުން ކޭމްބްރިޖް އިންގްލިޝަ ޑިކްޝަނަރީ ނުވަތަ އިނގިރޭސި ބަހުގެ ރަދީފުގައި "ޓާކީ" މާނަ ކޮށްފައިވާ ގޮތަށް ބަލާއިރު، އެއީ ކަމެއްގައި އެންމެ ހިތިކޮށް ފެއިލްވުން ނުވަތަ "ބޯހަމަނުޖެހޭ" މީހެއްގެ މާނާގައިވެސް ބޭނުން ކުރާ ލަފުޒެއް ކަމަށް ވުމަކީ، ތުރުކީވިލާތުން އެ ގައުމުގެ ނަން ރީބްރޭންޑް ކުރާ ސަބަބެކެވެ.

ގައުމުގެ ނަން ރީބްރޭންޑް ކުރުމުގެ ގޮތުން، ތުރުކީވިލާތުން ބޭރު ކުރާ އުފެއްދުންތަކުގައިވެސް މިހާރު ބޭނުން ކުރަމުން ދަނީ "ތުރުކިޔޭ" އެވެ. އަދި ފަތުރުވެރި ކަމުގެ ކެމްޕޭންތަކުގައިވެސް ބޭނުން ކުރަނީ "ހެލޯ ތުރުކިޔޭ"އެވެ.

މި ބަދަލަށް ގިނަ ބަޔަކު މަރުހަބާ ކީ ނަމަވެސް، އިންތިހާބެއް ބޯމަތިވެފައި ވަނިކޮށް މިފަދަ ކަމެއް ކުރުމަކީ، ސަމާލުކަން އެހެން މިސްރާބަކަށް އަނބުރާލުމަށް ޖައްސާ ސްޓަންޓެއް ކަމަށް ބުނާ ބަޔަކުވެސް އުޅެއެވެ.

ގައުމުތަކުން ނަން ބަދަލު ކުރުމަކީ އާ ކަމެއް ނޫނެވެ. އެގޮތުން ނެދަލަންޑްސް އިން ވަނީ ހޮލަންޑްގެ ނަން، 2020 ވަނަ އަހަރު ދޫކޮށްލާފައެވެ.