މަނީ ލޯންޑަރިންގެ މައްސަލައާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ޝަހުބާން ފަހުމީ މަގާމުން އިސްތިއުފާ ދެއްވުމަށް އެމްއެމްސީގެ މެމްބަރުން ގޮވާލައިފިއެވެ.

މީޑިއާ ކައުންސިލްގެ މެންބަރުންގެ ފަރާތުން ނެރުނު ގަރާރެއްގައި ބުނީ، އެމްއެމްސީގެ ރައީސް ޝަހުބާންގެ ހިއްސާ އޮންނަ ކުންފުންޏެއްގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ތުހުމަތަކީ ދިވެހިރާއްތޭގެ ބޮޑެތި ގިނަ މީޑިއާތަކާއި ނޫސްވެރިންގެ އިތުރުން މީޑިއާ ކައުންސިލްގެ ގިނަ މެމްބަރުންގެ ކަނބޮޑުވުން އޮތް މައްސަލަ އެއް ކަމަށެވެ.

ދިވެހި މީޑިއާގެ އަހްލާގީ ހަމަތައް ކަނޑައަޅައި އަދި މީޑިއާގެ ބެލެނިވެރި މުއައްސަސާއެއްގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކަށް އެފަދަ ތުހުމަތުތަކެއް ކުރުމަކީ މުއައްސަސާގެ އަގު ހިފެހެއްޓުމުގެ ގޮތުން ވެސް މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް ކަމަށް އެމްއެމްސީގެ މެމްބަރުން ގަބޫލުކުރާ ކަމަށް ވެސް އެގަރާރުގައި ބުނެއެވެ.

އެގަރާރުގައި އިތުރަށް ބުނީ މިކަމާ ގުޅިގެން އެމްއެމްސީގެ ރައީސް ޝަހުބާން އާ ކުރި މަސްވަރާތަކުގައި މަގާމުން އިސްތިއުފާ ދިނުމާ މެދު ވިސްނައިވަޑައިގަތުމަށް އެއްބަސްވެފައިވާ މުހުލަތު ހަމަވެފައިވާ ކަމަށެވެ.

ނަމަވެސް އިސްތިއުފާ ދެއްވާފައި ނުވާތީ މިހިނދުން މިހިނދަށް ޝަހުބާން އެ މަގާމުން އިސްތިއުފާ ދެއްވުމަށް އެމްއެމްސީން ވަނީ ގޮވާލައްވާފައެވެ.

ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމާއި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތު ޝަހުބާންގެ އިތުރުން އޭނާގެ ބޭބެ، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަށް ވެސް ކުރެއެވެ.

އެ މައްސަލާގައި ފުލުހުން މީގެ ކުރިން ވަނީ އަލްހާންގެ ވިޔަފާރީގައި ބައިވެރިވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްޗަށް ވެސް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ފުލުހަށް ހާޒިރުކޮށްފައެވެ. އެއީ މީގެ ތިން އަހަރު ކުރިން ހައިލަމްގެ އެކައުންޓަށް 200،000 ރުފިޔާ ފޮނުވި މައްސަލައިގައި ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.