މި ހިނގާ 1443 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާ ނުކުރާނެ ކަމަށް، ސްރީލަންކާގައި ހައްޖުގެ ކަންކަން އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފިއެވެ.

ސްރީލަންކާގެ މުސްލިމުންނަށް މިއަހަރު ހައްޖުގެ އަޅުކަމަށް ދެވެން ނެތީ، އެ ގައުމަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ އިގުތިސޯދީ އަދި މާލީ ކާރިސާގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ. ސްރީލަންކައަށް ދޫކޮށްފައިވާ ހައްޖު ކޯޓާ ކުޑަކޮށްފައި ވީ ނަމަވެސް، ޙައްޖަށް މީހުން ފޮނުވުމަށް އެ ގައުމުން ކުރަން ޖެހޭ ހަރަދަކީ މިވަގުތަށް ބަލާއިރު މާ ބޮޑު ހަރަދެއް ކަމަށްވެއެވެ.

ބުދިސްޓުންގެ މެޖޯރިޓީ އޮންނަ ސްރީލަންކާގެ 22 މިލިއަން މީހުންގެ އާބާދީގެ 10 ޕަސެންޓް ހިއްސާ ކުރަނީ މުސްލިމުންނެވެ.

1443 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު 1 މިލިއަން މުސްލިމުންނަށް ހުޅުވާލާނެ ކަން ސައުދީ އަރަބިއްޔާއިން އޭޕްރިލް 2022 ގައި އިއުލާން ކުރުމާއެކު، ސްރީލަންކާއިން 1585 މީހަކު ދަފުތަރު ކުރި އެވެ.

ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް މުސްލިމް ރިލިޖަސް އެފެއާޒްއަށް އެ ގައުމުގެ އޯލް ސިލޯން ހައްޖު ޓުއާ އޮޕަރޭޓާޒް އެސޯސިއޭޝަންއާއި ހައްޖު ޓުއާ އޮޕަރޭޓާޒް އެސޯސިއޭޝަން އޮފް ސްރީލަންކާއިން ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، އަމިއްލަ ވަޒަނުގައި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި މި އަހަރުގެ ހައްޖުގެ އަޅުކަން "ގުރުބާން" ކުރުމަށް، އެ ދެ ޖަމިއްޔާއިން ނިންމާފައި ވާ ކަމަށެވެ.

އެ 2 ޖަމިއްޔާއަކީ ސަރުކާރުން ލައިސަންސް ދޫކޮށްފައިވާ އޮޕަރޭޓަރުންނަށް ވާ އިރު، އެއީ ޙައްޖަށް މީހުން ގެންދިއުމަށް ސްރީލަންކާގައި ހަރަކާތްތެރިވާ ހަމައެކަނި 2 ޖަމިއްޔާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ހައްޖު ޓުއާ އޮޕަރޭޓާޒް އެސޯސިއޭޝަންގެ ރައީސް ރިޒްމީ ރިޔާލް ވިދާޅުވީ، އެ ނިންމުމަކީ އެންމެންގެ ނިންމުމެއް ކަމަށާ، އެކަން އެގޮތަށް ނިންމީ، ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައިވާ ޑޮލަރުގެ ދަތިކަމުގެ ކާރިސާގެ ސަބަބުން ކަމަށެވެ.

މެއި 2022 އަށް ފެށިގެން އައި އިރު ސްރީލަންކާގެމާލީ ވުޒާރާއިން ވަނީ އެގައުމުގެ ބޭރު ފައިސާގެ ރިޒާވްގައި ބޭނުން ކުރެވެން ހުރީ 50 މިލިއަން ޑޮލަރަށް ވުރެ ދަށް މިންވަރެއް ކަން ފާހަގަ ކޮށްފައެވެ. ބޭރުގެ ފަރާތްތަކަށް ދަރަނި ހަލާސް ކުރަން ފެއިލްވެ، ގައުމު ވަނީ ޑިފޯލްޓްވެފައެވެ.

ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް މުސްލިމް ރިލިޖަސް އެފެއާޒްގެ ނޭޝަނަލް ހައްޖު ކޮމިޓީގެ ޗެއާމަން އަހްކަމް އުވައިސް ވިދާޅުވީ، ލަންކާ ރައްޔިތުން ޙައްޖަށް ފޮނުވުމުގެ ކަންކަމަށް ގާތްގަނޑަކަށް 10 މިލިއަނެއްހާ ޑޮލަރު ހަރަދު ވާނެ ކަމަށާ، އެއީ އެ އެގައުމުގެ އަދުގެ އިގުތިސޯދީ ހާލަތަށް ބަލާއިރު ބޮޑު އަދަދެއް ކަމަށެވެ.

މި އަހަރު ހައްޖުގެ އަޅުކަން ދޫކޮށްލުމަށް ނިންމި ނިންމުމަކީ އެ ގައުމުގެ މުސްލިމު އާބާދީއިން ވެދިން، ދީލަތި ގުރުބާނީއެއް ކަމަށްވެސް އޭނާ ވަނީ ސިފަ ކުރައްވާފައެވެ.