އައްޑޫގައި ކުޑައަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ ކޯޓުން ނެރުނު އަމުރު ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.
އެ މައްސަލާގައި އެންމެ މަތީ ކޯޓުން މި ގޮތަށް ނިންމި އިރު، ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 59 އަހަރުގެ އަންހެން މީހާ ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ފުލުހުން އޭނާ ބަންދުން ދޫކުރީ މިދިޔަ މަހުގެ 21 ގައެވެ.
އެ އަންހެން މީހާ ދޫކޮށްލި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން އެކަށީގެންވާ ހެކި ހުރެގެން ކަމަށެވެ. އެހެންވެ ހައި ކޯޓުން އެ އަމުރަށް ތާއީދުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
އެހެންވެ ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމަވާފައެވެ.