މިދިޔަ އަހަރުގެ މޭ މަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއާ ގުޅިގެން 5 މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިއަދުގެ ޝަރީއަތް މޫސުން ގޯސްވުމުގެ ސަބަބުން ކޯޓަށް ހާޒިރުނުކުރެވުމުން ކެންސަލްކޮށްފިއެވެ.

މިއަދު ހެނދުނު 9 ޖަހާއިރަށް ތާވަލްކޮށްފައިވަނީ އެ މައްސަލައިގައި ދައުވާކުރި ތަހުމީނު އަހުމަދާއި، މުޖާޒު އަހުމަދާއި، އިސްހާގު އަދި ފަހުމީ އަލީ އާއި އަލީ ހައިޝަމްއެެވެ. އެ އަޑުއެހުން ކެންސަލްކޮށްފައިވަނީ ކަނޑުގަދަވުމުގެ ސަބަބުން ދަތުރުކުރުމަށް ދަތިވުމުގެ ސަބަބުން ކޯޓަށް ހާޒިރުކޮށް ނުދެވުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. އެހެންނަމަވެސް މިއަދު ކެންސަލްކުރި އަޑުއެހުން ހޮނިހިރު ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ޝަރީއަތްތައް އޮބްޒާވްކުރުމުގެ ފުރުސަތަށް އެދި ނަޝީދުގެ ވަކީލު އަދި ކޮއްކޯފުޅު ނާޒިމް ސައްތާރު ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލަށް ސިޓީއެއް ފޮނުއްވިއެވެ. އަދި އެ ފުރުސަތު ދޭން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ނިންމާފައެވެ.

މިދިޔަ އަހަރުގެ މެއި މަހު ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދު ހިޔާ، ވ. ތިނަދޫ 23 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ. އޭނާ ވަނީ ކުށަށް އިއުތިރާފުވެ، އަދަބަށް ލުއި ލިބޭ ގޮތަށް ދައުލަތާއެކު އެއްބަސްވުމެއް ހަދައިފައެވެ.