މިދިޔަ އަހަރުގެ މޭ މަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ބާއްވާ ޝަރީއަތް އޮބްޒާވްކުރުމުގެ ފުރުސަތަށް އެމަނިކުފާނުގެ ވަކީލުންނަށް ކްރިމިނަލް ކޯޓުން ދީފިއެވެ.
ނަޝީދުގެ ވަކީލު އަދި ކޮއްކޯފުޅު ނާޒިމް ސައްތާރު ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއެއްގައި ވަނީ ހަމަލާގެ އެންމެ ބޮޑު ޝިކާރައަކަށްވީ ނަޝީދުކަން ފާހަަގަކުރައްވައި އެ ޝަރީއަތް އޮބްޒާވް ކުރަން ވަކީލުން ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފައެވެ.
އޮބްޒާވަރުންގެ ގޮތުގައި ހަތަރު ވަކީލަކު ހަމަޖައްސައިދެއްވުމަށް އެދިވަޑައިގެން އެ ސިޓީގައި ނަޝީދުގެ ފަރާތުން ކޯޓަށް ނަންތަކެއް ހުށަހެޅުއްވި އެވެ. އަދި ކޮންމެ އަޑުއެހުމަކަށް އޭގެ ތެރެއިން މަދުވެގެން ދެ ވަކީލުން އޮބްޒާވަރުންގެ ގޮތުގައި ހަމަޖައްސައިދިނުމަށް ނަޝީދުގެ ފަރާތުން އެދިވަޑައިގެންފައިވެއެވެ.
އެގޮތުން އޮބްޒާވަރުންގެ ގޮތުގައި ހަމަޖައްސަން އެދިވަޑައިގެންނެވި ވަކީލުންނަކީ ނާޒިމް ސައްތާރު (ދަ ލިޓިޖަންޓްސް އެލްއެލްޕީ ލޯ ފާމް)، ކާސްޓީ ބްރިމްލޯ (ޑޯޓީ ސްޓްރީޓް ޗެމްބާސް)، ފަތުހުﷲ އަލީ (ދަ ލިޓިޖަންޓްސް އެލްއެލްޕީ ލޯ ފާމް) އަދި އަހުމަދު ނިޔާޒު (ދަ ލިޓިޖަންޓްސް އެލްއެލްޕީ ލޯ ފާމް)އެވެ.
ނާޒިމް މިއަދު ވިދާޅުވީ ނަޝީދުގެ ވަކީލުންނަށް ޝަރީއަތް އޮބްޒާވް ކުރުމުގެ ފުރުސަތު ދޭން ކްރިމިނަލް ކޯޓުން ނިންމާފައި ވާކަން އޭނާއަށް އެ ކޯޓުން މިއަދު މެންދުރުފަހު އަންގާފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ މެއި މަހު ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ.
މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދު ހިޔާ، ވ. ތިނަދޫ 23 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ. އޭނާ ވަނީ ކުށަށް އިއުތިރާފުވެ، އަދަބަށް ލުއި ލިބޭ ގޮތަށް ދައުލަތާއެކު އެއްބަސްވުމެއް ހަދައިފައެވެ.