ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީއާއެކު ސީރިއަސް އަދި ސީދާ މަޝްވަރާތަކަށް ވަޑައިގަތުމަށް، ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުގެ އެންމެ އިސްވެރިން، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއަށް ގޮވާލައްވައިފިއެވެ.

ފަރަންސޭސިވިލާތުގެ ރައީސް އިމެނުއަލް މެކަގޯންއާއޮ ޖަރުމަނުވިލާތުގެ ޗާންސެލަރު އޯލާފް ޝްކޮލްޒް ވަނީ، ޕޫޓިންއާއެކު 80 ވަރަކަށް މިނެޓް ވަންދެން މަޝްވަރާތަކެއް ކުރައްވާފައެވެ.

ޖަރުމަނު ޗާންސެލަރުގެ އޮފީހުން ހަބަރު ދޭ ގޮތުގައި، ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތުގެ އެންމެ އިސް ލީޑަރުން ވަނީ، ޔޫކްރައިން ހަނގުރާމައިގެ ހަމަލާ ބަދަލު ކުރުންތައް މިހާރުން މިހާރަށް ހުއްޓުމަކަށް ގެނެސް، ޔޫކްރައިންގައި ހަނގުރާމަ ކުރަމުންދާ ރަޝިއާގެ އަސްކަރީ ފައުޖުތައް ބޭލުމަށް ބާރު އަޅުއްވާފައެވެ.

ރަޝިއާ ސަރުކާރުން ވަނީ، ޔޫކްރައިންގެ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ރަޝިއާގެ ލީޑަރު ތައްޔާރަށް ހުންނެވި ކަމަށް ބުނެފައެވެ. ނަމަވެސް ޒެލެންސްކީއާއެކު ސީދާ މަޝްވަރާތަކެއް ޕޫޓިން ކުރައްވަފާނެކަމުގެ އިޝާރާތެއް ނުދެއެވެ.

ކަންމިހެން އޮތް އިރު ޒެލެންސްކީވެސް މަޝްވަރާތަކަށް މާ ބޮޑު ފަރުވާލެއް ނެތް ކަމަށާ، ނަމަވެސް ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކާ އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ޕޫޓިންގެ އަމުރުފުޅަކަށް ހާއްސަ އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރައިންގައި ހަނގުރާމަ ފެށި ފަހުން، އެކި ފަހަރު މަތިން ދޭދޭ މަޝްވަރާތައް ސީދާ ގޮތުންނާއި އެކަހެރިކޮށް ކުރިއަށް ގެންދިޔަ ނަމަވެސް، މި ފަހަކަށް އައިސް އެ މަޝްވަރާތައް ވަނީ ކޮޅެއްގައި ނުޖެހި، މަޑުޖެހިފައެވެ.

ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތުން ވަނީ، ޔޫކްރައިންގެ މަރިއުޕޮލްގައި ހުންނަ އަޒޯވްސްޓަލް ކާރުހާނާއިން ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ރަޝިއާއިން ހައްޔަރު ކުރި 2500 މީހުން ދޫކޮށްލުމަށްވެސް ގޮވާލާފައެވެ.

ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައަށް ނިމުން އަތުވެދާނެކަމުގެ އަލިމަގެއް އަދި ފެންނަން ނެތް އިރު، ހަނގުރާމައިގެ ނޭދެވޭ އަސަރު، މުޅި ދުނިޔެއަށްހެން ދަނީ ފޯރަމުންނެވެ. ބޮމާއި ބަޑީގެ ހަމަލާތައް އަމާޒު ނުވި ކަމުގައި ވީ ނަމަވެސް، ޒަރޫރީ ކާބޯތަކެތި ނުލިބުމާއި ހަށިގަނޑަށް ބޭނުންވަ މުހިންމު މާއްދާތައް ނުލިބުމުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ފުރާނަ، ނުރަކަލަށް ހުށަހެޅެމުން ދާ މަންޒަރު، ދުނިޔޭގެ އެކި ހިސާބުތަކުން މިހާރު ދަނީ ފެންނަމުންނެވެ.