ވިލިމާލޭގައި ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން ކަމަށް ބުނާ މައްސަލައިގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ވިލިމާލޭ ހޮސްޕިޓަލުގައި ކުޑަކުދިންގެ ގަޔަށް ޖަހާފައިވާ މައްސަލައާއި ބެހޭ ގޮތުގައި އަައިޖީއެމްއެޗުން ބުނީ މުއްދަތު ހަމަވެފައިވާ ވެކްސިން އެ ހޮސްޕިޓަލުން ދިން މައްސަލައެއް އައިޖީއެމްއެޗްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު އެ މައްސަލަ އެހޮސްޕިޓަލާ އެޗްޕީއޭއިން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން އެ މައްސަލައިގައި އިހުމާލުވާ ފަރާތްތަކާއި މެދު އަޅަން ޖެހޭ ފިޔަވަޅު އަޅައި އެ ފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އައިޖީއެމްއެޗުން ވަނީ އަރުވައިފައެވެ. އަދި އެ މައްސަލަ ފެންމަތިވުމާއި ގުޅިގެން ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ.
މިމައްސަލައާ ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެފައި ވަނީ މުއްދަތު ހަމަވެފައިވާ ވެކްސިނެއް ދީފައިވާ ކަމުގެ ޝަކުވާ އެ އަވަށުގެ ގިނަ ބައެއްގެ ފަރާތުން އޭނާއަށް ލިބިވަޑައިގަންނަވާ ކަމަށާއި އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެކަން ހިނގާފައިވާ ގޮތެއް ސަރުކާރުން ސާފުކޮށްދޭން ޖެހޭނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
އެ ކުދިންނަށް ދީފައި ވަނީ ކޮން ކަހަލަ ވެކްސިނެއްކަން ސާފުވެފައި ނުވާއިރު، މެމްބަރު އުޝާމް ހިއްސާ ކޮށްފައިވާ ފޮޓޯއިން ފެނިގެން ދަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު މުއްދަތު ހަމަވެފައިވާ ވެކްސިނެކެވެ.