ދުނިޔެއަށް ކުރިމަތިލާން ޖެހިފައި ވާ ކާބޯތަކެތި ލިބުން ދަތިވުމުގެ ބަނަ ވިލާގަނޑުން ސަލާމަތް ކޮށްދިނުމަށް ފާހަގަކޮށްލެވޭ ވަރުގެ އެއްބާރުލުމެއް ދޭނެ ކަމަށާ، ނަމަވެސް އެކަން ކުރާނީ، ޔޫކްރައިންއާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ތަންފީޒު ކުރަމުން ދާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށް، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ވިދާލުވެއްޖެއެވެ.

އިޓަލީވިލާތުގެ ބޮޑުވަޒީރު މާރީއޯ ޑްރާގީއާއެކު ޕޫޓިން ދެއްކެވި ވާހަކަފުޅުގެ ވަނަވަރު ކަމަށް ބުނެ ރަޝިއާ ސަރުކާރުން އާންމު ކުރި ބަޔާނެއްގައި ވާ ގޮތުން، ހުޅަނގުގެ ގައުމުތަކުން ސިޔާސީ މަގުސަދެއްގައި ރަޝިއާއާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ، ކާބޯތަކެތީގެ ސަޕްލައި ހީނަރު ވުމުގެ ކާރިސާއަށް ލުޔެއް ހޯދާ ދިނުމުގެ ގޮތުން، ގޮވާމާއި ގަހުކާނާ އެކްސްޕޯޓް ކުރުމުގެ މަސައްކަތް ރަޝިއާއިން ފަށާނެއެވެ.

މީގެ އިތުރުން ނިޔަމި ކަމުގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދީ، އިންސާނިއްޔަތުކަމުގެ ފާލަންތައް ހުޅުވާލުމާ ބެހޭ ގޮތުން ޕޫޓިން ވާހަކަފުޅު ދެއްކެވި ކަމަށް މައުލޫމާތު ލިބެއެވެ.

ޔޫކްރައިންއަކީ ދުނިޔޭގެ ބާޒާރަށް ބަލާއިރު އެންމެ ފުޅާ ދާއިރާއެއްގައި ގޮދަން، ޒުވާރި އަދި ސަންފުލާވާ ތެޔޮ އެކްސްޕޯޓް ކުރާ އެއް ގައުމެވެ. ނަމަވެސް ޔޫކްރައިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައިގެ އިތުރުން، ރަޝިއާއިން ބަންދަރުތަކަށް ހުރަސް އެޅުމުގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައި ޗޭނަށް ވަނީ ބުރުއަރާފައެވެ. ބައެއް ބަނދަރުތަކުގައި މިހާރު ގިނަ އަދަދަކަށް މައިން ވަޅުލާފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ރަޝިއާއަކީވެސް ފުޅާ ދާއިރާއެއްގައި ގޮވާން އެކްސްޕޯޓް ކުރާ ގައުމެކެވެ. ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯފް ވިދާޅުވީ، ބޯޓުފަހަރު ޗާޓަރު ކޮށް، ގޮވާން އެކްސްޕޯޓް ކުރުމަށް ހުރަސް އެޅޭ ގޮތަށް ހުރި ޣައިރު ގާނޫނީ ނިންމުންތައް ބާތިލު ކުރަން ޖެހޭ ކަމަށެވެ.

ހުޅަނގުގެ އޮފިޝަލުން ވަނީ ރަޝިއާގެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކަން ވަނީ، އެމެރިކާއާއި އެހެންވެސް ބައެއް ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތި ކުރުމުގެ ފިޔަވަޅުތަކަކީ، ކާބޯތަކެއްޗާއި، ގަހުކާނާގެ އިތުރުން އެކި ބާވަތުގެ އޮށުގެ ވިޔަފާރިއާއ ދެކޮޅަށް އަޅާފައި ވާ ފިޔަވަޅުތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެ ބާވަތުގެ އުފެއްދުންތައް އުފުލާ ހެދުމަށް ހުރަސްތަކެއް ކުރިމަތިވެގެން ނުވާނެ ކަން ގައުމުތަކަށް އަންގައިދިނުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށްވެސް އެމެރިކާގެ އޮފިޝަލު ވަނީ ފާހަގަ ކުރައްވާފެވެ.

ޔޫކްރައިން ހަނގުރާމައަށް 3 މަސް ފުރި، 4 ވަނަ މަހަކަށް ދިގުލާ ލަމުން ދާ އިރު، ކާބޯތެތީގެ ކާރިސާއަކީ ހައްލު ހޯދަން ޖެހިފައި ވާ ހަގީގީ ކާރިސާއެއް ކަމަށް ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ އިސްވެރިޔާ އެންގޯޒީ އޮކޯންޖީ-އިވޭލާ ވަނީ ފާހަގަ ކުރައްވާފައެވެ. ޔޫކްރައިން ހަނގުރާމައަށް ނިމުން އަތުވެދާނެ ކަމުގެ އަލި މަގެއް އަދި ފެންނަން ނެތް އިރު، ބައެއް ގައުމުތަކުން މިހާރުވެސް ވަނީ އެކްސްޕޯޓް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައެވެ.