ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ކާބޯތަކެއްޗާއި ހަކަތައިގެ އިތުރުން ގަހުކަނާގެ އަގުތައް އުފުލެމުންދާ މި ދަނޑިވަޅުގައި، ދުނިޔޭގެ އިގުތިސޯދު ހީނަރުވެދާނެ ކަމުގެ އިންޒާރު، ވޯލްޑް ބޭންކުގެ އިސްވެރިޔާ، ޑޭވިޑް މެލްޕާސް ދެއްވައިފިއެވެ.
އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ވިޔަފާރި އިވެންޓެއްގައި ވާހަކަދައްކަވަމުން މެލްޕާސް ވިދާޅުވީ، ދުނިޔޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީއަށް ބަލާއިރު، އިގުތިސޯދީ ހީނަރުކަމެއްގެ ތެރެއަށް ނުގޮސް ސަލާމަތްވެދާނެ ގޮތެއް ދެނަގަންނަން ދަތި ކަމަށެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ޗައިނާގައި ތަންފީޒު ކުރަމުންދާ ލޮކްޑައުންގެ އަމުރަކީވެސް، އިގުތިސޯދު މަޑުޖެހުމަށް އޮތް ކަންބޮޑުވުމެއް ކަން މެލްޕާސް ވަނީ ފާހަގަ ކުރައްވާފައެވެ.
މެލްޕާސްގެ މި ޝުއޫރަކީ، ދުނިޔޭގެ އިގުތިސޯދު ހީނަރުވެދާނެ ކަމަށް، ދާއިރާގެ އެކިއެކި ތަޖުރިބާކާރުން ދެއްވަމުން ގެންދަވާ ސިލްސިލާ އިންޒާރުގެ ޗޭނަށް އެންމެ ފަހުން އިތުރުވި ބޮޅެވެ.
ހުސްވި މަހު ވޯލްޑް ބޭންކުން ވަނީ، މި ހިނގާ 2022 ވަނަ އަހަރު ދުނިޔޭގެ އިގުތިސޯދު ކުރިއަރާނެ ކަމަށް އަނދާޒާ ކުރި މިންވަރުން އެއް ޕަސެންޓް އުނިކޮށް، 3.2 ޕަސެންޓަށް ދަށް ކޮށްފައެވެ.
ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު އަސަރެއް ފޯރަމުންދަނީ ޒަރޫރީ ހިދުމަތްތަކާއި މުދަލަށެވެ. އެގޮތުން ޒަރޫރީ ކާބޯތަކެއްޗާއި ގަހުކަނާގެ އުފެއްދުންތެރިކަމަށް ބޮޑު ހީނަރުކަމެއް އައިސް، އަގުތައް އުފުލެމުން ދާ ކަން ފާހަގަ ކުރަން ޖެހެއެވެ.
ގައުމުތަކުގެ އެތެރޭގެ ބާޒާރުތަކުގައި ތަކެތީގެ އަގުތައް އުފުލެމުން ދިއުމުގެ ސަބަބުން، ބާޒާރުގައި ބޮޑު ކޮންޓްރޯލެއް އޮންނަ ގައުމުތަކުން ދަނީ، އެ ގައުމުތަކުގެ އުފެއްދުންތައް ބޭރު ދުނިޔެއަށް ސަޕްލައި ކުރުން މަޑުޖައްސާލަމުންނެވެ. އެގޮތުން ގޮދަން އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މަޑުޖައްސާލާ، ހަކުރު އެކްސްޕޯޓް ކުރާ މިންވަރު ކޮންޓްރޯލް ކުރުމަށް އިންޑިއާއިން ނިންމާފައި ވާ އިރު، މެލޭޝިއާއިން ވަނީ ކުކުޅު އެކްސްޕޯޓް ކުރުންވެސް މަޑުޖައްސާލަން ނިންމާފައެވެ.
ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑަށް ނޭދެވޭ އަސަރު ފޯރާނީ ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކާއި، ބޭރުގެ އުފެއްދުންތަކަށް ބަރޯސާވެފައި ވާ ގައުމުތަކަށް ކަމަށް ބެލެވެއެވެ. އެ ހަނގުރާމައިގެ ސަބަބުން އެތައް މިލިއަން ބަޔަކަށް ބަނޑަށްޖެހި، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކުން މަހްރޫމުވެދާނެ ކަމުގެ އިންޒާރު، ދާއިރާގެ ތަޖުރިބާކާރުން ވަނީ ދެއްވާފައެވެ.
ދުނިޔޭގެ އަދުގެ ހާތަށް ބަލާއިރު، ކުރިއަރަމުން އަންނަ ގައުމުތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހެއެވެ. އެގޮތުން ތަނަވަސް ގައުމުތަކުގެ އަތުން ނަގާފައިވާ ދަރަނި ހަލާސް ކުރުމަށް ތަކުލީފުތައް ކުރިމަތިވަމުން އަންނަ ކަން، އަވަށްޓެރި ސްރީލަންކާއަށް ބަލާލުމުން ހާމަވެއެވެ. ދާއިރާގެ ތަޖުރިބާކާރުން ވަނީ ސްރީލަންކާގެ އިތުރުން އަދިވެސް އިތުރު ގައުމުތަކަކަށް އެ މައްސަލަ ކުރިމަތިވެދާނެ ކަމަށް ލަފާ ކޮށްފައެވެ.