ދިވެހި ސަރުކާރުން ރިސޯޓް ބިމު ކުލި ނަގާ ރޭޓް ބަދަލު ނުކުރަމަށް ނިންމައިފިއެވެ.

ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނެސް، ރިސޯޓް ބިމު ކުލި ކުޑަ ކުރުމަށް މިދިޔަ މާޗު މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށައަޅާފައެވެ. އެހެންނަމަވެސް ދައުލަތުގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ރިސޯޓްތަކުގެ ބިމު ކުލި ބަދަލު ނުކުރަން އިކޮނޮމިކް ކައުންސިލުން ވަނީ ނިންމަވާފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރިސޯޓުތަކުގެ ބިމުކުލި ކުޑަ ކުރަން ނިންމާފައިވަނީ ޔޫކްރޭން ހަނގުރާމައިގެ ކުރިން ކަމަށާއި ނަމަވެސް މިހާރުގެ ހާލަތަށް ބެލުމަށްފަހު އެ އިސްލާހު އެގޮތަށް ފާސްކުރަން މިހާރު ވިސްނުމެއް ނެތް ކަމަށެވެ.

އެ އިސްލާހު ދިފާއުކުރައްވައި ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވާ ގޮތުގައި ދައުލަތަށް ފައިސާ ހޯދަން އެންމެ ފައިދާ ހުރި ގޮތަކީ ރިސޯޓުތަކުން ބިމު ކުލި ނެގުން ނޫން ކަމަށާއި ކުލި ކުޑަކުރުމުގެ އަލަށް ގިނަ ރިސޯޓުތައް ހުޅުވި ޓެކްސް ނިޒާމުގެ ތެރެއިން ލިބޭ ފައިދާ ބޮޑު ވާނެ ކަމަށެވެ. މައުސޫމް މިހެން ވިދާޅުވި ނަމަވެސް ލަންކާގެ ހާލަތަށް މިސާލު ޖައްސަވާ ގަވަރުނަރު އަލީ ހާޝިމް ވަނީ ރިސޯޓުތަކުގެ ކުލި ކުޑަކުރުން ކަހަލަ ދައުލަތަށް އާމްދަނީ ދަށްވާ ކަންކަން މި ވަގުތު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ޓޫރިޒަމް ބިމު ކުލި ނުދައްކާ 13 ރިސޯޓަކާއި ދަނޑުވެރިކަމަށް ދޫކޮށް ކުލި ނުދައްކާ ހަތަރު ކުންފުންޏެއް ހިމެނޭއިރު އެ ރަށްތަކުގެ ނަންތައް މީރާ އިން ވަނީ އާއްމުކޮށްފައެވެ.

ކުލި ނުދައްކާ 13 ރިސޯޓުގެ ތެރޭގައި ހިމެނެނީ ތްރީއޭ ކުންފުނީގެ ފިލިތެލާއި އަތަމާ މެރިން އިންޓަނޭޝަނަލްގެ ކިހާ މޯލްޑިވްސް އާއި އޭބީއެންގެ ބްރެނިއާ ކޮއްޓަފަރާއި ރީކޯ މޫސަގެ ރަހާ ރިސޯޓާއި ބޮން ފްރީގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ އާއިލީ ވިޔަފާރި، މެދުފުށި އިންވެސްޓްމަންޓުގެ މެދުފުށި އައިލެންޑް ރިސޯޓު އަދި ޕްލެޓިނަމް ކެޕިޓަލްގެ އެރިއަދޫ ރިސޯޓެވެ.

މީގެއިތުރުން އައްޑޫ ސައުތު ޕާމް މޯލްޑިވްސް އާއި ސަންލޭންޑުގެ ކޮކޯ ޕާމް ދުނިކޮޅު، ބިޔާދޫ އާއި ސަންލޭންޑުގެ މަކުނުދޫ އައިލެންޑް ރިސޯޓު އާއި ތެލުވެލިގާ ރިޓްރީޓާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ބައްޕަ އަބްދުﷲ އަލީގެ ހޮނޑާފުށި އައިލެންޑް ރިސޯޓެވެ.

އެކި އެކި ޖޫރިމަނާތަކުގެ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާއިން ނުލިބޭ 21.6 ބިލިއަން ހިމެނޭއިރު އޭގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި 16.9 ބިލިއަން ރުފިޔާ ޑިސެންބަރު 31، 2020 ގެ ނިޔަލަށް ދައުލަތަށް ވަނީ ނުލިބިއެވެ.

ކުލި ނުދައްކާ ދަނޑުވެރިކަން ކުރާ ރަށްތަކަށް ބަލާއިރު މަސްމީރު އަކުއާ ކަލްޗާ ކޮމްޕެނީގެ ށ. އެރިޔަދޫ އާއި އޯޝަން ކުއާޓިއާ ޕްރޮޕަޓީސްގެ ޅ. ގާއެރިފަރުގެ އިތުރުން ސީނު މޯލްޑިވްސްގެ ށ. މެދުކުނބުރުދޫގެ އަދި މުހައްމަދު ވަހީދު، ށ. މަޑިދޫ ހިމެނެއެވެ.މި ފަހަރު އާއްމު ކުރި ލިސްޓުގައި ހިމެނޭ ފަރާތްތަކަކީ 100،000 ރުފިޔާއަށް ވުރެ ގިނަ އިން ފައިސާ ދައްކަން ޖެހޭ ފަރާތްތަކެވެ.

ރިސޯޓުތަކުގެ ކުލި ކުޑަކޮށްފިނަމަ އަހަރަކު 590 މިލިއަން ރުފިޔާ ދައުލަތުގެ އާމްދަނީ އިން އުނިވާނެ ކަމަށް މީރާއިން ބުނެފައެވެ. ރިސޯޓްތަކުގެ ކުލި ކުޑަނުކުރަން ނިންމާފައިވާއިރު މިހާރުވެސް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 17 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.