އިގުތިސޯދީ ހީނަރުކަމާއެކު މާލީ ގޮތުން އިނދަޖެހިފައި ވާ އަވަށްޓެރި ސްރީލަންކާގެ މާލީ ވަޒީރު ކަމުގެ މަގާމަށް، އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމާ ދާދި ފަހުން ހަވާލުވެވަޑައިގެންނެވި ތަޖުރިބާކާރު ސިޔާސީ ޝަހްސު، ރަނީލް ވިކްރަމަސިންހަ ހަމަޖައްސަވައިފިއެވެ.

ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ، އެ ގައުމުގެ މިނިސްޓާ އޮފް ފައިނޭންސް، އިކޮނޮމިކް ސްޓެބިލިޓީ އެންޑް ނޭޝަނަލް ޕޮލިސީސް ކަމުގެ މަގާމަށް ރަނީލް ވިކްރަމަސިންހަ ހަމަޖެއްސަވާފައި ވާ އިރު، މިއަދުގެ ވަގުތެއްގައި ވިކްރަމަސިންހަ ވަނީ ވަޒީރު ކަމުގެ ހުވާވެސް ކުރައްވާފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމު، މީގެ ކުރިން 5 ފަހަރަށް އަދާ ކުރައްވާފައިވާ ރަނީލް ވިކްރަމަސިންހަ އައްޔަން ކުރީ މެއި 12 ވަނަ ދުވަހުއެވެ. އެއީ ހުރިހާ ޕާޓީއެއް ޝާމިލުވާ ސަރުކާރެއް އެކުލަވާލުމަށް ރައީސް ގޮތަބާޔާއަށް ފުރުސަތު ދެއްވުމުގެ ގޮތުން، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

255 ގޮނޑީގެ މައްޗަށް އެކުލެވޭ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ރަނީލް ވިކްރަމަސިންހަގެ ޕާޓީއަށް ލިބިފައިވާ ހަމައެކަނި ގޮނޑި ފުރުއްވަމުން ގެންދަވަނީވެސް ހުދު އޭނާއެވެ. އެހެން ކަމުން ގައުމީ ފެންވަރުގެ ކަންކަން ނިންމެވުމުގައި ހުރިހާ ޕާޓީއެއްގެ ތާއީދު، ރަނީލް ވިކްރަމަސިންހަ އަށް ބޭނުންވެއެވެ.

ސްރީލަންކާގެ ފައިނޭންސް، އިކޮނޮމިކް ސްޓެބިލިޓީ އެންޑް ނޭޝަނަލް ޕޮލިސީސް ވުޒާރާއާވެސް ރަނީލް ހަވާލުވެވަޑައިގެންފައި ވާ މި ދަނޑިވަޅަކީ، ބޭރުގެ ގައުމުތަކަށް ސްރީލަންކާއިން ދައްކަން ހުރި ދަރަނިތައް ހަލާސް ކުރެވޭނެ ގޮތެއް ނެތި، ގައުމު ޑިފޯލްޓް ވެފައި ވާ ދަނޑިވަޅެކެވެ.

ނަމަވެސް، ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރަނީލް ވަނީ، އިނދަޖެހިފައިވާ ސްރީލަންކާގެ އިގުތިސޯދު ނަގަހައްޓަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ސްރީލަންކާއަށް ދިމާވެފައިވާ އިގުތިސޯދީ ދަތިތަކުން އަރައިގަތުމަށް ބޭރުގެ އެހީ ހޯދުމާ ގުޅޭ ކަންކަން ވިލަރެސް ކުރުމަށްޓަކާ، ދިވެހިރާއްޖޭގެ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ ހަމަޖައްސަވާފައެވެ.