ދެމެހެއްޓެނިވި ވަރުގަދަ އިގުތިސޯދީ ކުރިއެރުމަށް މަގުފަހި ކުރާ، ހަޖެހުން ލިބިފައިވާ އިގުތިސޯދީ ވެއްޓަކަށް މަގުފަހި ކުރާ، ހަރުދަނާ، (މެކްރޯއިކޮނޮމިކް) ސިޔާސަތުތަކެއްގެ އޮނިގަނޑު އެކުލަވާލުމުގެ ކުރިން، އެ އިދާރާއިން ސްރީލަންކާއަށް ދެން އިތުރަށް ދޭނެ އެހީއެއް ނޯންނާނެ ކަމަށް ބުނެ، ވޯލްޑް ބޭންކުން ސްރީލަންކާއަށް އިންޒާރު ކޮށްފިއެވެ.

މި ދަނޑިވަޅަކީ އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވް ހިނދި، އިގުތިސޯދީ އިނދަޖެހި، އިންތިހާ މާލީ ހީނަރުކަން ކުރިމަތިވެ، ގައުމުގެ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ގޯހުން ގޯހަށް ދިއުމުގެ ސަބަބުން، ބައިނަލްއަގުވާމީ އެހީއަށް އެދި، އަވަށްޓެރި ސްރީލަންކާއިން "ސަލާންޖަހަމުން" ދާ ދަނޑިވަޅެކެވެ.

ސްރީލަންކާގެ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅިގެން ވޯލްޑް ބޭންކުން ލޯނާއި އެނޫންވެސް ގޮތް ގޮތުން ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާވަމުން ދާ ކަމަށް ބުނެ މީޑިއާގައި ދައުރުވާ ހަބަރުތަކާ ގުޅިގެން ވޯލްޑް ބޭންކުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، އެއީ އެއްވެސް އަސްލެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ.

ސްރީލަންކާގެ ރައްޔިތުންނާ މެދު ކަންބޮޑުވާ ކަމަށާ، ސްރީލަންކާގެ އިގުތިސޯދަށް ހަމަޖެހުން ގެނެސް، ފުޅާ ދާއިރާއެއްގައި ކުރިއެރުން ކަށަވަރު ކުރުމަށްޓަކާ، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ އިތުރުން ތަރައްގީގެ އެހެނިހެން ބައިވެރިންނާއެކު އެ އިދާރާއިން މިހާރުވެސް މަސައްކަތްތަކެއް ކުރަމުން ދާ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.

އަދި ސްރީލަންކާގެ މެކްރޯއިކޮނޮމިކް ސިޔާސަތުގެ އެކަށީގެންވާ އޮނިގަނޑެއް ތަންފީޒު ކުރަން ފެށުމުގެ ކުރިން ވޯލްޑް ބޭންކުން އެހީއެއް ނުދޭނެ ކަމަށް ބުނެފައިވެއެވެ.

ސްރީލަންކާއަށް މިވަގުތު ބޭނުން ޖެހިފައިވާ ބޭސްފަރުވާގެ ސާމާނާއި، ފަގީރު އާއިލާތަކަށް ބޭނުންވާ ނަގުތު ފައިސާ ޓްރާންސްފާ ކުރުމާއި، ނާޒުކު ހާލަތުގައި ވާ އާއިލާތަކުގައި ތިބި ކިޔަވާ ކުދިންނަށް ސްކޫލްގައި ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމާއި، ދަނޑުވެރިންނާއި ދަށް ފަންތީގެ ކުދި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މީގެ ކުރިން ހުއްދަ ދީފައި ވާ މަޝްރޫއުތަކަށް ފައިސާ، ރީޕާޕަސް އުސޫލުން ބޭނުން ކުރަމުން ދާ ކަމަށްވެސް ވޯލްޑް ބޭނުން ވަނީ ބުނެފައެވެ.

މި ދަނޑިވަޅަކީ ބޭރު ފައިސާއާ އަޅާ ބަލާއިރު ސްރީލަންކާ ރުޕީޒްގެ އަގުވެސް އިންތިހާއާށް ދަށަށް ގޮސްފައި ވާ ދަނޑިވަޅެކެވެ. ދުނިޔޭގެ ފައިސާގެ ބާޒާރުގައި އަގުތައް ހުރި ގޮތަށް ބަލާއިރު، ޑޮލަރަކަށް 359.55 ޖެހެއެވެ. މިއީ އިއްޔެގެ އަގުތައް ހުރި ގޮތާ އަޅާ ބަލާއިރުވެސް 0.7 ޕަސެންޓްގެ ވެއްޓުމެކެވެ.

އިނދަޖެހިފައިވާ ސްރީލަންކާގެ އިގުތިސޯދު ނަގަހައްޓަވާނެ ކަމަށް، އެ ގައުމުގެ ބޮޑުވަޒީރު ކަމާ 6 ވަނަ ފަހަރަށް ހަވާލުވެވަޑައިގެންނެވި ރަނީލް ވިކްރަމަސިންހަ ވަނީ ވައުދުވެވަޑައިގެންފައެވެ.