އިޒްރޭލުގެ ހައި-ސެކިއުރިޓީ ޖަލަކުން ބިންގަރާސް ހަދައިގެން މިދިޔަ އަހަރު ސަލާމަތްވި ފަލަސްތީނުގެ 6 ގައިދީއަކު، އިތުރު 5 އަހަރު ދުވަހަށް ޖަލަށް ލުމަށް އިޒްރޭލުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ފަލަސްތީނުގެ 6 ގައިދީން، އިޒްރޭލުގެ ހައި-ސެކިއުރިޓީ ޖަލުން ފިލި ފިލުމަކީ، ފާއިތުވީ އެތައް އަހަރެއްގެ ތެރޭގައިވެސް އިޒްރޭލުގައި ހިނގި އެފަދަ އެންމެ ބޮޑު ހާދިސާއެވެ.

ޖަލުން ފިލި ގައިދީން ހޯދުމަށް އިޒްރޭލުން ވަނީ "ޝިކާރަ ކުރުމުގެ" ވަރުގަދަ އޮޕަރޭޝަނެއްވެސް ހިންގާފައެވެ. އިޒްރޭލަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެގެން ދިޔަ އެ ހާދިސާ ހިނގިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިޒްރޭލުން ވަނީ ފިލި ގައިދީންތައް އަތުލައިގެންފައެވެ.

6 މީހުންގެ މައްޗަށް އަލުން ޖަލު ހުކުމް އިއްވި ކޯޓުން ބުނީ، ހުކުމް އިއްވުމުގައި، އެމީހުން ޖަލުން ފިލުމުން އިޒްރޭލުގެ ހުރިހާ ކަމެއް ހުއްޓުމަކަށް އައި އައުމާއި، އެމީހުން އަތުލައިގަތުމަށް ހިނގި މާލީ ހަރުދުތަކާއި، ނުރައްކާތެރި ކުށްތަކެއް ކޮށްގެން އުމުރު ދުވަހުގެ ޖަލު ހުކުމުގައި ތިބި ގައިދީންތަކެއް ފިލުމުގެ ސަބަބުން އާންމުންގެ ސަލާމަތަށް ކުރިމަތިވި ނުރައްކަލަށް ރިއާޔަތް ކޮށްފައި ވާނެ ކަމަށެވެ.

5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވާ އިރު، އެ 5 އަހަރު ގުނަން ފަށާނީ އެ ގައިދީންގެ މައްޗަށް އިއްވާފައިވާ ހުކުމުގެ އަހަރު ހަމަވުމުން ކަމަށްވެސް މައުލޫމާތު ލިބެއެވެ. 6 މީހުން ޖަލުން ނިކުތުމަށް އެހީތެރިކަން ފޯރުކޮށްދިނުން އިތުރު 5 ގައިދީއެއްގެ މައްޗަށްވެސް ވަނީ އިތުރު 4 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެމީހުން އިޒްރޭލުގެ ޖަލުން ފިލީ އެމީހުން ތިބި ގޮޅީގެ ބިންގަނޑު ކޮނެގެން، އެތައް މަސް ދުވަހެއްގެ މަސައްކަތުންނެވެ. އެ މަސައްކަތުގައި އެމީހުން ބޭނުން ކުރީ އާދައިގެ ގެވެހި ކަންވާރު ކަމަށް މައުލޫމާތު ލިބެއެވެ. އަދި ޖަލު ފެސިލިޓީގެ ގާޑަކަށް ހުރި މީހާ ނިދި ޖެހުނު ވަގުތު ފިލީ ކަމަށްވެއެވެ.

އިޒްރޭލުގެ ހައި-ސެކިއުރިޓީ ޖަލުން ފިލި 6 ގައިދީންނަކީ "ޓެރަރިސްޓުން" ކަމަށް އިޒްރޭލުން ދެކެއެވެ. ނަމަވެސް ފަލަސްތީނުން ދެކޭ ގޮތުގައި އިޒްރޭލުގެ ޖަލުތަކުގައި ތިބި ގިނަ މީހުންނަކީ ބަތޮލުންނެވެ. އަލްޖަޒީރާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ޖަލުން ފިލި 6 ގައިދީންގެ ތެރެއިން 5 މީހުންނަކީ އިސްލާމިކް ޖިހާދު ނަމަކަށް ކިއާ ހަތިޔާރުއެޅި ގުރޫޕެއްގެ މެންބަރުންނެވެ. އޭގެ ތެރެއިން 4 މީހުންނަކީ އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާ މީހުންނެވެ. ބާކީ ހުރި އަނެއް މީހާއަކީ ފަތަހަ ޖަމާއަތުގެ މީހެކެވެ.