ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ހަނގުރާމަތަކާއި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން ހަނދާން ނެތި ގޮސްފައި ވާ ނުވަތަ ވަރިހަމައަށް ދޫކޮށްލާފައިވާ މައްސަލަތަކަށް ސަމާލުކަން ދިނުމަށް، ގަތަރުގެ އަމީރު ޝައިހު ތަމީމް ބިން ހަމަދު އަލް ސާނީ، ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވައިފިއެވެ.

ސުވިޓްޒަލަންޑްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމް ނުވަތަ ޑާވޯސް ފޯރަމްގައި ތަގުރީރު ކުރައްވަމުން ގަތަރުގެ އަމީރު ވަނީ، ޔޫކްރައިން ހަނގުރާމައެކޭ އެއްފަދައިން، އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުންތަކަށްވެސް ސަމާލުކަން ދޭން ޖެހޭ ކަމަށ ވިދާޅުވެފައެވެ.

ޔޫކްރައިންގެ މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ލޭޒާ އައްޔެއްގެ ސީދާ އަމާޒު ފަދައިން މަސައްކަތް ކުރަމުން ދާ އިރު، ކޮންމެ ނަސްލެއްގެ، ކޮންމެ ގައުމިއްޔަތެއްގެ އަދި ކޮންމެ ދީނެއްގެ މީހަކަށްވެސް އެހީތެރިކަމާއި އިސްތިގުލާލު ފޯރުކޮށްދޭން ޖެހޭ ކަމަށް ގަތަރުގެ އަމީރު ވިދާޅުވިއެވެ.

އެންމެ ފާހަގަކޮށްލެވޭ މައްސަލައަކީ ފަލަސްތީނުގެ މައްސަލަ ކަމަށާ، ފަލަސްތީނުގެ މައްސަލައަކީ އދ އުފެދުނީއްސުރެ އަދާ ޖެހުނުއިރުވެސް ފަސޭހަ ނުވެ އޮތް ޒަހަމެއް ކަމަށް، ގަތަރުގެ އަމީރު ވަނީ ސިފަ ކުރައްވާފައެވެ. މިންޖުވޭވެނެ ދުވަހެއް ލޮލުކޮޅަށް ފެންނަން ނެތް ހާލު، ފަލަސްތީނުގެ އާއިލާތައް އަޅުވެތި ކޮށްފައި ވާތާ އެތައް އަހަރެއް ފާއިތުވެ ގޮސްފައި ވާ ކަމަށާ، ގަވައިދާ ހިލާފަށް އާބާދުވުމުގެ އަމަލުތައް އިންތިހާއަށް ހިންގަމުންދާއިރު، ފަލަސްތީނުގެ ރައްޔިތުންނަށް ދޭ އަނިޔާތަކަށްވެސް ހުއްޓުމެއް އައިސްފައި ނުވާ ކަން، ގަތަރުގެ އަމީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ފަލަސްތީނުގައި ހިންގަމުންދާ އިންސާފެއް ނެތް އަނިޔާތަކަށް ދުނިޔެ ލޯހުޅުވި، އެކަމާ ދެކޮޅަށް ހަރަކާތްތެރިވާނެ ދުވަހެއް ފެނޭތޯ ދުޢާ ކުރައްވާ ކަމަށްވެސް ގަތަރުގެ އަމީރު ވަނީ ވިދާޅުވެފައެވެ. މެދުއިރުމަތީ ސަރަހައްދުގެ މީހެއްގެ ފުރާނައިގެ އަގަކީ، ވިލާތަށް ނިސްބަތްވާ މީހެއްގެ ފުރާނަ ފަދަ އަގު ހުރި އެއްޗެއް ކަމަށްވެސް އަމީރު ޝައިހް ތަމީމް ވަނީ އިޝާރާތް ކުރައްވާފައެވެ.