ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ ކުރަމުންދާ ހަނގުރާމާގައި ތެރޭގައި، ހަނގުރާމައިގެ ޖަރީމާ ހިންގާފައި ވާ ކަމުގެ މައްސަލައެއްގެ ގޮތުގައި ޔޫކްރައިންގެ ކޯޓެއްގައި ފުރަތަމަ ފަހަރަށް ހިންގި ޝަރިއަތް ނިންމާ، ރަޝިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ، އުމުރުން 21 އަހަރުގެ ވަޑީމް ޝިޝިމަރިން އުމުރަށް ޖަލަށް ލުމަށް، ޔޫކްރައިންގެ ކޯޓުން ހުކުމް ކޮށްފިއެވެ.
ޝިޝިމަރިން އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ، ޔޫކްރައިންގެ އުތުރުއިރުމަތީ ސޫމީ ސަރަހައްދުގައި، އުމުރުން 62 އަހަރުގެ އާންމު ރައްޔިތަކު ގަސްތުގައި މަރާލި މައްސަލާގައި، ޝިޝިމަރިންގެ މައްޗަށް ކުރި ދައުވާއާ ގުޅިގެންނެވެ. ޝިޝިމަރިން އެ އަމަލު ހިންގީ، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންގައި ހަނގުރާމަ ފެށިތާ ކުރީކޮޅުގައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޝިޝިމަރިން އެ ޖަރީމާ ހިންގާ ހަނގުރާމަ ފެށިތާ 4 ވަނައަށް ވީ ދުވަސް ކަމުގައި ވާ ފެބުރުއަރީ 28 ގައެވެ.
އުމުރުން 62 އަހަރުގެ ފިރިހެނެއް ކަމަށް ވާ އޮލެކްސާންޑާ ޝެލިޕޯވް މަރާލާފައި ވަނީ ގަސްތުގައި ކަމަށްވެއެވެ.
ރަޝިއާގެ ސިފައިންގެ މީހާ ވަނީ އޭނާއާ ދެކޮޅަށް ކޯޓުގައި އުފުލި ދައުވާއަށް އިއުތިރާފުވެފައެވެ. އަދި އޭނާ އެކަން ކުރީ އިތުރު ސިފައިންގެ މީހެއްގެ ޕްރެޝަރުގައި ކަމަށްވެސް ޝިޝިމަރިން ވަނީ ބުނެފައެވެ. އެގޮތުން ފޯނެއްގައި ހުރި އާންމު ރައްޔިތު މީހާ، ސިފައިންގެ މައުލޫމާތު ޔޫކްރައިންގެ ބާރުތަކަށް އަންގައިދީފާނެ ކަމަށް، ދެން ހުރި އޮފިސަރު ވިސްނައިދެމުން ދިޔަ ކަމަށް ޝިޝިމަރިން ވަނީ ބުނެފައެވެ.
އޭނާގެ ބަޔާން އިއްވާ ނިންމާލަމުން ޝިޝިމަރިން ވަނީ ޝެލިޕޯވްގެ ހުވަފަތް ވެފައި ވާ އަނބިމީހާގެ ކިބައިން މައާފަށް އެދިފައެވެ. އަދި އޭނާއަށް ކުރެވުނު ކަންތަކާ މެދު އިންތިހާއަށް ހިތާމަ ކުރާ ކަމަށްވެސް ޝިޝިމަރިން ވަނީ ބުނެފައެވެ.
ޝިޝިމަރިންގެ ވަކީލު ވަނީ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަށް، 30 ދުވަހުގެ މުހުލަތެއް އޮވެއެވެ. އަދި ކޯޓުގެ ނިންމުމަކީ ހަރުކަށި ނިންމުމެއް ކަމަށާ، މުޖުތަމައުގެ ޕްރެޝަރު، ކޯޓުގެ ނިންމުމުން އިހްސާސް ކުރެވޭ ކަމަށްވެސް ވަކީލު ވަނީ ވިދާލުވެފައެވެ.
ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމާގައި ހަނގުރާމައިގެ ޖަރީމާކަމަށް ބެލެވޭ 10000 އެއްހާ ޖަރީމާ ހިންގާފައި ވާ ބުނާ އިރު، ރަޝިއާއިން ދަނީ ހަނގުރާމައިގެ ޖަރީމާ ހިންގުމުގައި ބައިވެރިވާ ކަމާއި އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ހަމަލާ ދޭ ކަމަށް ބުނާ ވާހަކަތައް ދޮގު ކޮށްފައެވެ.