ވެރިކަން ކުރާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ރަސްމީކޮށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ހަވާލުވެ ވަޑައިގެންފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާ ވާދަކުރައްވައި، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ފައްޔާޒް އިންތިހާބުވެ ވަޑައިގަތީ ވާދަވެރި އިންތިހާބަކަށް ފަހު، 58 ޕަސެންޓު ވޯޓާ އެކުގައެވެ.

މިއަދު މަގާމާ ހަވާލުވެ ވަޑައިގެން، ފައްޔާޒް ވަނީ އެމްޑީޕީގެ އޮފީހުގައި އެ ޕާޓީގެ އިސް ބޭފުޅުންނާ މިއަދު މެންދުރުފަހު ބައްދަލުރައްވާފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ:

  • އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް
  • ޗެއާޕާސަންގެ ނައިބު އަދި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ
  • ޗެއާޕާސަންގެ ނައިބު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް
  • ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

ފައްޔާޒްގެ އިތުރުން، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ އިންތިހާބީ ރައީސް އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، އެ ޕާޓީގެ ޔޫތު ވިންގުގެ އިންތިހާބީ ރައީސް ރިފްގާ ޝިހާމް ވެސް ވަނީ މަގާމުތަކާ ރަސްމީކޮށް މިއަދު ހަވާލުވެ ވަޑައިގެންފައެވެ.

އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ރޮޒައިނާ އިންތިހާބުވެ ވަޑައިގަތީ ސަފާތު އަހްމަދު ޒާހިރާ ވާދަ ކުރައްވައި، 60 ޕަސެންޓު ވޯޓާ އެކުގައެވެ. އަދި ޔޫތު ވިންގުގެ ރައީސް ކަމަށް ރިފްގާ އިންތިހާބުވެ ވަޑައިގަތީ މުހައްމަދު އަންސަރާ ވާދަ ކުރައްވައި 53 ޕަސެންޓު ވޯޓު ހޯއްދަވައިގެންނެވެ.