ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި، ފަސް އަހަރުގެ ސަދާ ސައުދުﷲގެ މަރުގެ މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އާއިލާ އަށް ލިބޭ ކަމަށް އެޗްއާރުސީއެމުން ބުނެފިއެވެ.

މީގެ ހަތް މަސް ކުރިން ސަދާ މަރުވުމުގައި ހޮސްޕިޓަލުގެ އިހުމާލެއް ވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. އެކަން ބަލައިދިނުމަށް އެދި، އާއިލާއިން ވަނީ މިދިޔަ މާޗު މަހު ސަދާގެ އާއިލާއިން ވަނީ ފުލުހުންނަށާއި އެޗްއާރުސީއެމަށް ހުށަހަޅައިފައެވެ.

މައްސަލަ ބަލައި ނިންމުމަށް ފަހު ސަދާގެ އާއިލާ އަށް އެޗްއާރުސީއެމުން ފޮނުވި ލިޔުމެއްގައި ބުނީ:

  • ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން ބަލައި ފާހަގަކުރި ކަންކަން މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ހިއްސާކޮށްފައިވާ ކަމަށް
  • އިހުމާލުވި ދެ ޑޮކްޓަރުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށް
  • ނާސިން ކައުންސިލުން އެ މައްސަލަ ބަލަމުންދާ ކަމަށް

އަދި އިހުމާލުވި ދެ ޑޮކްޓަރުންގެ ލައިސަންސް ސަސްޕެންޑްކޮށް، އެކަކު އަނބުރާ ފޮނުވާލާފައިވާ ކަމަށާއި، ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށް އެޗްއާރުސީއެމްގެ ތަހުގީގަށް ހޯދާފައިވާ މައުލޫމާތުން އެނގެން އޮތުމުން، އިދާރާތަކުން ފިޔަވަޅު އަޅާފައިވާ ކަން ފާހަގަކުރެވޭ ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.

"މި މައްސަލައިގައި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޝަރުއީ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު، ހައްގު ގެއްލިފައިވާ ފަރާތަށް އޮތްކަން ފާހަގަކުރަމެވެ،" އެ ލިޔުމުގައި ވެއެވެ.

ސަދާގެ އާއިލާއިން ވަނީ އެދުވަހު ސަދާ މަރުވީ އޭނާގެ ގަޔަށް "ނުބައި" އިންޖެކްޝަނެއް ޖެހުމުން ކަމަށް ބުނެ ތުހުމަތު ކޮށްފައެވެ. އެ މައްސަލަ ބަލައިދިނުމަށް އެދި ހެލްތު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ސަދާއަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން އިހުމާލުވެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން، ސަދާގެ ބައްޕަ ސައުދުﷲ އަހްމަދު ވަނީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ހެލްތު މިނިސްޓްރީ އާ ދެކޮޅަށް މަދަނީ ދައުވާ ކުރުމަށް ނިންމައިފައެވެ.