މަނީ ލޯންޑަރިންގެ ބޮޑު ތުހުމަތެއް ކުރެވޭ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްގެ މަގާމުގައި ހުންނެވި ޝަހުބާން ފަހުމީގެ މައްޗަށް އިތުބާރު ނެތް ކަމަކަށް ފާހެއް ނުވިއެވެ.

ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދުމާއި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގައި އެމްއެމްސީން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި، ޝަހުބާނަށް އިތުބާރު އޮތްތޯ ވޯޓެއް ނަގައިފައެވެ.

އެމްއެމްސީގައި ޖުމްލަ 15 މެންބަރުން ތިއްބަވައެވެ. އޭގެ ތެރެއިން ޝަހުބާންގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ކުރުމަށްޓަކައި ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓު ބޭނުންވާނެއެވެ.

ނަމަވެސް، ޝަހުބާންގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އެ ބައްދަލުވުމުގައި ބައިވެރިވި 13 މެންބަރުންގެ ތެރެއިން އަށް މެންބަރުންނެވެ. ތިބި ހަތަރު މެންބަރުން ވޯޓު ދެއްވީ ޝަހުބާންގެ އިތުބާރު އޮތް ކަމަށެވެ. ޝަހުބާން އެ ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވައެވެ.

އެމްއެމްސީގެ ގާނޫނުގައިވާ ގޮތުން، ރައީސްގެ މަގާމު ހުސްވާނީ:

  • ދައުރު ހަމަވުމުން
  • މެންބަރު ކަމުން ވަކިކުރުން
  • އިސްތިއުފާ ދިނުން
  • މަރުވުން
  • މެންބަރެއްގެ ގޮތުގައި ހުރުމަށް ގާނޫނުން ލާޒިމްކުރާ ސިފައެއް އުނިވުން

ޝަހުބާނަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައިވާ ވިދާޅުވުން އަނެއްކާވެސް އޭނާ ވަނީ ތަކުރާރު ކުރައްވައިފައެވެ.

އެ މައްސަލަ ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް އިއްޔެ ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހަޅުއްވައި ބައެއް މީޑިއާތަކަށް ދެއްވި މައުލޫމާތުގައި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވީ،މުޖުތަމައު ގަބޫލުކުރާ މިންގަނޑު އަބުރުވެރިކަމާއި އަހުލާގު ރަނގަޅު މީހެއް ކަމަށް ވުމަކީ މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ ސިފަތަކުގެ ތެރޭގައި ގާނޫނުގައި ހިމެނޭ ކަމަށްވާއިރު ޝަހުބާން މިހާރު އެއާ ހިލާފުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.