އަފްގާނިސްތާނުގެ ޓީވީ ސްޓޭޝަންތަކުގައި ސްކްރީނަށް އަރާ ހުރިހާ އަންހެނުން މޫނު ނިވާ ކުރުމަށް، އެ ގައުމު ކޮންޓްރޯލް ކުރަމުންދާ ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން ކުރި އަމުރަށް ގިނަ ބަޔަކު ކިޔަމަން ވާން ފަށައިފިއެވެ.

އަންހެން އެންކަރުންވެސް މޫނު ނިވާ ކުރުމަށް ބުރާސްފަތި ދުވަހު ތޯލިބާނުން ނެރުނު އަމުރަށް އެ ވަގުތު މާ ބޮޑު އިޖާބައެއް ނުލިބުނު ކަމުގައި ވީ ނަމަވެސް، އާދީއްތަ ދުވަހުގެ އޮން-އެއާއަށް ބަލާއިރު އަންހެން ހުރިހާ އެންކަރުންހެން ތިބީ މޫނު ނިވާކޮށްގެންކަން ފާހަގަ ކުރެވެއެވެ.

އަފްގާނިސްތާނުގެ އިންފޮމޭޝަން އެންޑް ކަލްޗާ މިނިސްޓްރީއިން ވަނީ އަންހެން އެކަންކަރުން މޫނު ނިވާ ކުރުމަށް އަންގާފައިވާ އެންގުމަކީ ފަހުގެ އެންގުން ކަމަށާ، އެއީ ބަހުސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މޫނު ނިވާ ކުރުމުގެ ގޮތުން މެޑިކަލް މާސްކު ބޭނުން ކުރެވިދާނެ ކަމަށްވެސް ތޯލިބާނުން ވަނީ ބުނެފައެވެ.

ކަން މިހެން އޮތް އިރު އަންހެން ޕްރެޒެންޓަރުންގެ ތެރެއިން ބައެއް މީހުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކޮށްފައެވެ.

އަފްގާނިސްތާނުގެ އަންހެން ޕްރެޒެންޓަރުން މޫނު ނިވާ ކުރަން ތޯލިބާނުން އަމުރު ކުރުމުން ފިރިހެން ޕްރެޒެންޓަރަކު މޫނު ނިވާ ކޮށްގެން / ފޮޓޯ: އެންޒީ ހެރާލްޑް

އަފްގާނިސްތާނުގެ ޓޯލޯ ނިއުސްގައި މަސައްކަތް ކުރާ ޓީވީ އެންކަރެއް ކަމަށް ސޯނިއާ ނިއާޒީ ބުނީ މާސްކު އެޅުވުމަކީ ބޭރުން އައި ސަގާފަތެއް ކަމަށާ، އެގޮތަށް މޫނު ނިވާކޮށް ޕްރޮގްރާމް ހުށަހެޅުމުގައި ތަކުލީފުތަކެއް އެބަހުރި ކަމަށެވެ. އަދި ޕްރޮގްރާމް ހުށަހެޅުމުގައި އުނދަގޫތަކެއް އިހުސާސް ކުރެވުނު މިއީ ފުރަތަމަ ފަހަރު ކަމަށްވެސް ސޯނިއާ ނިއާޒީ ވަނީ ފާހަގަ ކޮށްފައެވެ. އެ ނިންމުންމަކީ އެއްވެސް ބަޔަކު ލަފާ ކުރި ކަމެއް ނޫން ކަމަށާ، އެހެނީ އިސްލާމް ދީނަކީ މޫނު ނިވާ ކުރަން މަޖުބޫރު ކޮށްފައި ވާ ދީނަކަށް ނުވުން ކަމަށްވެސް ނިއާޒީ ވަނީ ބުނެފައެވެ.

ނިއާޒީ ބުނި ގޮތުގައި ތޯލިބާނުންގެ އެ ނިންމުމަކީ އިސްލާމީ އިލްމުވެރިންނާއި ސިޔާސީ ޝަހްސުންވެސް ދެކޮޅު ގަރާރެކެވެ.

އަންހެން އެންކަރުންގެ މޫނު ނިވާ ކުރުމަށް ތޯލިބާނުން ކުރި އަމުރާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމާއެކު، ޓޯލޯ ނިއުސްގެ ފިރިހެން ޕްރެޒެންޓަރުންވެސް ވަނީ މެޑިކަލް މާސްކު ބޭނުންކޮށްގެން އޮން-އެއާގައި މޫނު ނިވާކޮށްފައެވެ.