ޔޫކްރައިންގައި މިހާރު ކުރަމުން ދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ ގޮތުން ހަމަލާތައް ހުއްޓާލުމުގެ ބަދަލެއްގެ ގޮތުގައި ރަޝިއާއަށް ބިން ދޫކުރަންޖެހޭ ގޮތަށް އޮންނަ އެއްބަސްވުމަކަށް ޔޫކްރައިނުން އެއްބަސް ނުވާނެ ކަމަށް، ޔޫކްރައިންގެ ސަރުކާރުން ބުނެފިއެވެ.

މިފަދަ ހަރުކަށި ރޫހެއްގައި ޔޫކްރައިނުން ވާހަކަދައްކާފައި މިވަނީ، އެ ގައުމުގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައަށް އޮތް ފުރިހަމަ ނިމުމަކީ ޑިޕްލޮމަސީ ކަމަށް ޒެލެންސްކީ ވިދާޅުވެފައި ވާ ދަނޑިވަޅެއެއްގައެވެ.

ޒެލެންސްކީގެ މުޝިރު މައިކްހޭލޯ ޕޮޑޮލްޔަކް ވިދާޅުވީ ރަޝިއާއަށް ބިން ދޫ ކޮށްފިނަމަ މިހާރަށް ވުރެ ވަރުގަދަ އަދި ލޭ އޮހުރުވުން ގިނަ ހަނގުރާމައެއް ރަޝިއާއިން ކުރާނެ ކަމަށެވެ.

ރަޝިއާއިން މިހާރުވެސް ދަނީ ޔޫކްރައިންގެ އިރުމަތީ ސެވެރޯޑޮނެޓްސްކް ސަރހައްދު ދިފާއު ކުރަމުންދާ ޔޫކްރައިންގެ ބާރުތައް ވަށާލުމަށް ތަކުރާރުކޮށް މަސައްކަތް ކުރަމުންނެވެ.

ޔޫކްރައިންގެ މަސްރަހުން ލިބިފައިވާ އިތުރު ހަބަރަކަށް ބަލާއިރު، ޕޯލަންޑްގެ ރައީސް އަންދްޖެއި ދޫދާ ވަނީ ޔޫކްރައިންގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވާފައެވެ. ޕޯލަންޑްގެ ރައީސްއަކީ އަމަލީ ގޮތުން މަޖިލީހަށް ވަޑައިގެން، ޔޫކްރައިންގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވި، ފުރަތަމަ ހާރިޖީ ލީޑަރެވެ.

މަޖިލީހުގައި ތަގުރީރު ކުރައްވަމުން، ޔޫކްރައިން ރައްޔިތުން މުސްތަގުބަލު ކަނޑައަޅާނެ ހަމައެކަނި ބަޔަކީ ޔޫކްރައިންގެ ރައްޔިތުން ކަމަށް ޕޯލަންޑްގެ ރައީސް ވިދާޅުވުމާއެކު، ޖަލީސުން ވަނީ ކޮޅަށް ތެދުވެވަޑައިގެން އަތްތިލަބަޑި ޖައްސަވާފައެވެ.

ދޫދާ ވަނީ ވިލާތުގެ އިއްތިހާޑު (އީޔޫ)ގެ މެންބަރަކަށް ޔޫކްރައިން ހެދުމަށް، ޕޯލަންޑުން ކޮށްދެވެން އޮތްހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ކަން މިހެން އޮތް އިރު، ފަރަންސޭސިވިލާތުގެ ޔޫރަޕް މިނިސްޓަރު ކްލެމޮން ބޫނެ ވަނީ، އީޔޫގެ މެންބަރެއްގެ ގޮތުގައި ޔޫކްރައިން ބަލައިގަތުމަށް 15-20 އަހަރު ހޭދަ ވާނެ ކަމަށް ރޭޑިއޯ އިންޓަވިއުއެއްގައި ވިދާޅުވެފައެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމަ ހުއްޓިދާނެ ކަމުގެ އަލި މަގެއް އަދިވެސް ފެންނަން ނެތް އިރު، ރަޝިއާއިން މިހާރު ވެރިވެފައިވާ ބިންތަކުން ބައެއްގައި ރަޝިއާގެ އަސްކަރިއްޔާ މަޑު ކުރާ ގޮތަށް، ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް ގޮވާލާ އޮއެވަރެއް، ހުޅަނގުގެ ބައެއް ގައުމުތަކުގައި ވަނީ އުފެދިފައެވެ.